ޒަހާ ނިޔާވި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވޭ

  • މިދިޔަ ހުކުރު ދުވަހު ހުޅުމާލޭގައި ކުއްލި ގޮތަކަށް ނިޔާވި 21 އަހަރުގެ އަންހެން މީހާގެ މަރުގެ މައްސަލައިގައި މިހާތަނަށް އައިއިރު، އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ރޭ ވިދާޅުވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހދ. މަކުނުދު އަށް އުފަން ފާތުމަތު ޒަހާ އަހުމަދު ޝަކީލްގެ މަރުގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޒަހާ އެންމެ ފަހުން ހުރީ އޭނާގެ ރަހްމަތްތެރިންނާ އެކުގައި ހުޅުމާލެ ގެސްޓްހައުސްއެއް ތެރޭގައެވެ. އޭނާގެ ހަރަކާތް ކުއްލިއަކަށް ހުއްޓުމާ ގުޅިގެން އޭނާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޮތީ ނިޔާވެފައެވެ. ޒަހާ ނިޔާވި ފަހުން،  ކޮވިޑް-19 އަށް ޓެސްޓް ކުރި އިރު، އޭނާގެ ނަތީޖާ ވަނީ ޕޮޒިތިވްވެފައެވެ. އެކަމަކު، ޒަހާ ނިޔާވީ އެ ބަލީގައި ކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައެއް ނުވެއެވެ.

ޒަހާއަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ހުންނަ އުރީދޫ އޮފީހުގައި މަސައްކަތް ކުރަމުން އަންނަ ޒުވާނެކެވެ.

ހުޅުމާލެ ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ޒަހާ ގެންދިޔަ އިރު، ވެސް އެއްވެސް ވަރަކަށް ވިންދެއް ނުޖަހައެވެ. އޭރުގައި ހޮސްޕިޓަލަށް ގެނައި އިރު، ޒަހާގެ ނޭފަތުންނާއި ކަންފަތުން ވަރަށް ބޮޑަށް ލޭ އައިސްފައި ހުރި ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންވެ، ހޮސްޕިޓަލުން ލަފާ ކުރާ ގޮތުގައި ޒަހާ ނިޔާވެފައި ވަނީ އޯވަޑޯޒްވެގެން ކަމަށްވުން ގާތެވެ.

ނަމަވެސް މިކަމާ ގުޅިގެން ފުލުހުން އަދި އެއްވެސް ވާހަކައެއް ނުދައްކައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!