ހުން ބަލާ ކެމެރާ ދިރާގުން ތައާރަފުކޮށްފި

އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކޮށްގެން މީހުންގެ ހުން ބަލައިލެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ތާމަލް މާސް ސްކްރީނިން ސޮލިއުޝަން، “އާލީ ވާނިން އެލާޓް އެންޑް ރެސްޕޮންސް (އީވާރު)” ދިރާގުން ރާއްޖެ އަށް ތައާރަފުކޮށްފި އެވެ.

ދިރާގުން ބުނީ ކޮވިޑް-19ގެ ސަބަބުން ވިޔަފާރިތަކާއި ސިއްހީ ދާއިރާ އަށް ގޮންޖެހުންތަކާ ކުރިމަތިވެފައި ވާއިރު ކަސްޓަމަރުންނަށާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް އީވާރު އަކީ ރަނގަޅު ހައްލަކަށް ވާނެ ކަމަށެވެ.

ދިރާގުން ބުނީ މީގެ ދެ ސޮލިއުޝަނެއް މިހާރު ލިބެން ހުންނާނެ ކަމަށާއި އެއީ “އީވާރު ކްރައުޑް” އާއި “އީވާރު ކޮމްޕެކްޓް” ކަމަށެވެ.

އީވާރު ކްރައުޑުން އެއްފަހަރާ 10-15 މީހުންގެ ހުން ބެލޭނެ އެވެ. އަދި އީވާރު ކޮމްޕެކްޓް މެދުވެރިކޮށް ވަކި ވަކިން މީހުންގެ ހުން ބެލޭނެ އެވެ. މި ޓެކްނޮލޮޖީ ދިރާގުން ރާއްޖެ އަށް ތައާރަފުކުރީ ޓެލެކޮމް މެލޭޝިއާއާ ގުޅިގެންނެވެ. މި ކެމެރާތައް މިހާރު ވަނީ ދިރާގުގެ ހެޑް އޮފީހުގައި ވެސް ހަރުކޮށްފަ އެވެ.

ހުން ހުރި މީހަކު އިމާރާތަށް ވަނުމާ އެކު މި ސިސްޓަމް މެދުވެރިކޮށް ވަގުތުން އެލާޓް ފޮނުވާލަދޭނެ އެވެ. އަދި މޯބައިލް ފޯނުތަކަށް ނޮޓިފިކޭޝަން ވެސް ފޮނުވައިދޭނެ އެވެ. މީގެ އިތުރުން، މި ޑޭޓާތައް ތިން މަހުގެ ނިޔަލަށް ކްލައުޑް ސިސްޓަމެއްގައި ރައްކާކުރާނެ އެވެ. އެހެންވެ ކޮންޓެކްޓް ޓްރޭސިން އަށް ވެސް މި ސޮލިއުޝަން އެހީވެދެ އެވެ.

ދިރާގު ޗީފް މާކެޓިން އޮފިސަރު މަހުމޫދް ދަސަރު ވިދާޅުވި ގޮތުގައި މި ވަގުތު ހުރިހާ ކުންފުނިތައް ވެސް މަސައްކަތްކުރަނީ އެއް އަޒުމެއްގައި ކަސްޓަމަރުންނާއި މުވައްޒަފުން އަދި މުޅި މުޖުތަމައުގެ ސިއްހަތާއި ރައްކާތެރިކަން އިސްކުރުމަށް ކަމަށެވެ. އެހެންވެ، ޓެކެލިކޮމް މެލޭޝިއާއާ ގުޅިގެން އީވާރު ރާއްޖެ އަށް ތައާރަފުކުރުމަކީ ކުންފުންޏަށް ލިބުނު އުފަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!