ބީއެމްއެލްއިން ދޫކޮށްފައިވާ ލޯނުތައް މި އަހަރުގެ ނިޔަލަށް ފަސް ކޮށްދޭން ނިންމައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ ހުރިހާ ލޯނުތައް މި އަހަރުގެ ނިޔަލަށް ފަސް ކޮށްދޭން ނިންމައިފި އެވެ.

ކޮވިޑް-19 އާ ގުޅިގެން އާންމުންނަށާއި ވިޔަފާރިތަކަށް ކުރިމަތިވި ދަތިތަކުން އަރައިގަތުމަށް އެހީވުމުގެ ގޮތުން، ލޯނާއި ފައިނޭންސިން އަށް ފައިސާ ދެއްކުން ފަސްކޮށް ދިނުމަށް ނިންމާފައި ވަނީ މިދިޔަ މާޗު މަހު އެވެ.

މި ގޮތުން ހުޅުވާލި އެ ފުރުސަތުގައި މިދިޔަ ޖުލައި މަހުގެ ނިޔަލަށް ޕާސަނަލް، ހައުސިން އަދި ވިޔަފާރި ލޯނާއި ފައިނޭންސް ހިމެނޭ ގޮތަށް 17،700 ލޯނު ހަ މަސް ދުވަހަށް ފަސްކޮށް ދިނުމަށް އެދި ހުށަހަޅާފައިވެ އެވެ.

އޭރު ދިން މުއްދަތު މިހާރު ހަމަވެފައިވާއިރު، ލޯނަށް ދައްކަން ޖެހޭ ފައިސާ އަނބުރާ ދެއްކުން ފަސް ކުރުމަށް އެދި ހުށަހެޅުމުގެ އިތުރު ފުރުސަތެއް ދިނުމަށް ނިންމީ އެވެ. ސެޕްޓެމްބަރު މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް ފައިސާ ދައްކަން ފަށަން ޖެހޭ ކަސްޓަމަރުންނަށް މި ފުރުސަތު ލިބޭނެ އެވެ. އަދި ލޯނަށް ދައްކަންޖެހޭ ފައިސާ ފަސްކޮށްދިނުމަށް މިހާތަނަށް އެދި ހުށަހަޅާފައިނުވާ ފަރާތްތަކަށް ޑިސެމްބަރު 31، 2020 ގެ ނިޔަލަށް އެ ފުރުސަތު އޮންނާނެ އެވެ.

“މި ފުރުސަތު ލިބިގެންދާނީ މިހާރުވެސް މޮރަޓޯރިއަމް އެދި ހުށަހަޅާފައިވާ ކަސްޓަމަރުންގެ ތެރެއިން މި ދެންނެވި މަސްތަކުގައި ފައިސާދައްކަން ޖެހޭ ކަސްޓަމަރުންނަށެވެ،” ބީއެމްއެލް އިން ނެރުނު ބަޔާނުގައި ބުންޏެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!