އިނގިރޭސި ވިލާތުން ލުއި ދިން ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމަނަން މަޝްވަރާ ކުރަނީ

ކުރިއަށް އޮތް ފިނި މޫސުމުގައި ކޮވިޑް-19 އާ ގުޅިގެން އިނގިރޭސި ވިލާތުން ލުއި ދިން ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނުމަށް ދެ ގައުމުގެ މެދުގައި މަޝްވަރާ ކުރެވެމުންދާ ކަމަށް އެމްއެމްޕީއާރުސީ އިން ބުނެފި އެވެ.

ރާއްޖޭގެ ބޯޑަރުތައް ފަތުރުވެރިންނަށް ހުޅުވާލާފައި ވަނީ ޖުލައި މަހުގެ 15 ވަނަ ދުވަހު އެވެ.

މިދިޔަ ދުވަސްތަކުގައި ރާއްޖެއަށް ފަތުރުވެރިން ވަރަށް މަދުން އައިސްފައިވާއިރު، މިހާރުގެ ސަރުކާރާ ވަރަށް ކައިރި އަދި ބަދަހި ގުޅުމެއް އޮންނަ އިނގިރޭސިވިލާތުން ލުއި ދިން ލިސްޓު ރިވިއުކޮށް ދެވަނަ ފަހަރަށް އާންމުކުރި 50 އެއްހާ ގައުމުގެ މައްޗަށް އެކުލެވޭ ލިސްޓުގައި ރާއްޖެ ހިމަނާފައެއް ނުވެ އެވެ.

އިނގިރޭސިވިލާތަކީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ 10 ގައުމުގެ ތެރޭގައި ހިމެނޭ އެއް ގައުމެކެވެ.

އެކަމަށް އިޝާރާތް ކުރައްވަމުން އެމްއެމްޕީއާރުސީގެ އެމްޑީ މުހައްމަދު ތޮއްޔިބު އިނގިރޭސި ނޫހަކަށް ވިދާޅުވީ ޔޫކޭގައި ހުންނަ ދިވެހި ހައިކޮމިޝަނާއި ޓޫރިޒަމް މިނިސްޓްރީ ގުޅިގެން، އިނގިރޭސިވިލާތުން ލުއި ދީފައިވާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުމަށް މަޝްވަރާ ކުރެވެމުންދާ ކަމަށެވެ.

“ރާއްޖޭގެ ރިސޯޓުތަކަކީ ވަކިން އޮންނަ ރަށްތަކަށްވެފައި، ގުދުރަތީ ގޮތުން ބަލާއިރު، މާ ގިނަ މީހުނާ ބައްދަލުނުވެ ޗުއްޓީ ހޭދަކޮށްލަން ރާއްޖެއަކީ އެންމެ އެކަށީގެންވާ ގައުމު،” ތޮއްޔިބު ވިދާޅުވެފައިވެ އެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، ދިވެހި ސަރުކާރުން އެކުލަވާލާފައިވާ އުސޫލުތަކާއެކު ރާއްޖޭގައި ހިންގާ ހުރިހާ ރިސޯޓުތަކެއްގައި ވެސް ޓޫރިސްޓުންނާއި މުވައްޒަފުން ކޮވިޑް-19 އިން ރައްކާތެރިވުމުގެ ވަރުގަދަ ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!