ގާނޫނުތަކާއި ހިލާފަށް ސިޔާސީ ހަރަކާތްތައް ބާއްވާ ޕާޓީތަކަށް ފިޔަވަޅު އަޅާނަން: އަކްރަމް

ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކާއި ހިލާފަށް ސިޔާސީ ހަރަކާތްތައް ބާއްވާ ޕާޓީތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށާއި ދައްކާ ބިރަކަށް ފަހެއްނުޖެހި ޒިންމާ އަދާކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރަައީސް އަހުމަދު އަކްރަމް ވިދާޅުވެއްޖެއެވެ.

މި ހިނގާ އޯގަސްޓް މަހުގެ 29 ވަަނަަ ދުވަހު އަކްރަމް ވަނީ، ގާނޫނުތަކާއި ގަވާއިދުތަކާއި ހިލާފަށް ސިޔާސީ ހަރަކާތްތައް ނުބޭއްވުމަށް ހުރިހާ ޕާޓީތަކަށް އިލެކްޝަންސް ކޮމިޝަނުން އަންގާފައިވާ ކަމަށް ހާމަކޮށްފައެވެ. އަދި އެ އެންގުމާއި ހިލާފުވެފައިވާ ހުރިހާ ފަރާތްތަކާއި މެދު ވަކި ޕާޓީއެއް އިސްތިސްނާ ކުރުމެއްނެތި ފިޔަވަޅު އަޅާނެކަމަށް ހާމަކުރުމާއެކު އިދިކޮޅުގެ ބައެއް ފަރާތްތަކުގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.

އެގޮތުން، މީސް މީޑިއާ މެދުވެރިކޮށް ބައެއް ފަރާތްތަކުން އިންޒާރުގެ މެސެޖުތައް ދެމުން އަންނައިރު މިކަމަށް ރައްދު ދެއްވައި އަކްރަމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދުވަހަކުވެސް މަސްއޫލިއްޔަތު އަދާކުރުމުގައި ފަސް ނުޖެހޭނެ ކަމަށެވެ. އަކްރަމް ވިދާޅުވީ، ތެދުވެރިކަމާއެކު ގާނޫނާއި ގަވާއިދުގެ ތެރެއިން ޒިންމާ އަދާކުރުމުގައި ފަހަތައް ނުޖެހޭނެ ކަމަށެވެ.

އަކްރަމް އިތުރަށް ވިދާޅުވީ، ބިރުދެއްކުމާއި މައިންބަފައިންނަށް ބޭއަދަބީ ބަސްތަކުން އިންޒާރު ދިނުމަކީ މަސްއޫލިއްޔަތުތައް އަދާކުރުމަށް ކުޑަކޮށްވެސް ފަހަތައް ޖެހޭނެކަމެއް ނޫންކަމަށެވެ. އަދި ގާނޫނުތަކުގެ ތެރޭގައި ތިބުމަށް ބުނުމަކީ ބަޔަކަށް ބުނެވޭ ކުޑައިމީސް ބަހެއް ނޫންކަމަށާއި ރިވެތި އަހުލާގު އިސްކުރުމަށް އަކްރަމް އިލްތިމާސްކުރެއްވިއެވެ.

މީގެކުރިންވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ، ސިޔާސީ ހަރަކާތްތައް ބޭއްވުމުގައި އެޗްޕީއޭގެ އެންގުންތަކާއި އެއްގޮތަށް އަމަލު ކުރުމަށް އަންްގާފައެވެ. ރާއްޖޭގައި ހަލުވިކަމާއި އެކު ކޮވިޑް-19 ފެތުރޭތީ، އެޗްޕީއޭ އިން ވަނީ ގިނަ މީހުން ގައިގޯޅިވެ، އެއްވެ ނޫޅުމަށާއި، އަދި 30 މީހުންނަށް ވުރެ ގިނަ މީހުން ބައިވެރިވެގެން އެއްވެ ނޫޅުމަށް އަންގާފައި ވެއެވެ. އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމާއި މާސްކު އެޅުންފަދަ އިސްކަންދިނުމަށް ވެސް އަންގާފައި ވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!