ރައީސް ވަހީދު ފުލުހަށް ހާޒިރުވާން އަންގައިފި

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ. ފުލުހުން އެ މަނިކުފާނަށް އަންގާފައި ވަނީ އެ މަނިކުފާނަށް ފަސޭހަފުޅު ވަގުތެއްގައި އެ އިދާރާއަށް ވަޑައިގަތުމަށެވެ. މިއީ 2013 ވަނަ އަހަރު ވެރި ކަމުން ވަކިވެ ވަޑައިގެންނެވި ފަހުން ރައީސް ވަހީދު ފުލުސް އިދާރާއަށް ހާޒިރު ކުރާ ފުރަތަމަ ފަހަރެވެ.

ރައީސް ވަހީދު ފުލުހަށް ހާޒިރުވެ ވަޑައިގަތުމަށް އެ އިދާރާއިން އެންގުމުން އެ މަނިކުފާނުގެ އަމިއްލަފުޅު ނިންމެވުމެއް ގޮތުގައި މިއަދު ހަވީރު 4:00 ޖަހާއިރިު ގައި ފުލުހަށް ވަޑައިގަތުމަށް ނިންމަވާފައި ވެއެވެ.

އެ މަނިކުފާނު ހާޒިރު ކުރަނީ މިދިއަ ހުކުރު ދުވަހު މާލޭގައި އިދިކޮޅު ދެ ޕާޓީން އިސްވެ ބޭއްވި ސައިކަލް ބުރެއްގައި ބައިވެރިވެ ވަޑައިގެން އެ މަނިކުފާނު ދެއްކެވި ވާހަކަފުޅަކާ ގުޅުވައިގެނެވެ. އެ މަނިކުފާނަކީ ޕީޕީއެމްގެ އެޑްވައިޒަރެވެ. އަދި ފަހަކަށް އައިސް އެ ޕާޓީގެ ލީޑް ކުރައްވާ އަބްދުއްރަހީމާއި އެހެން ލިޑަރުންނާއެކު ފެނިވަޑައިގަތުން އާންމުވެފައިވާ ބޭފުޅެކެވެ.

ރައީސް ވަހީދު ފުލުހަށް ހާޒިރު ކުރާއިރު ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި ހުކުރު ދުވަހުގެ ސައިކަލް ބުރުގައި ގައިދުރުކަން ނެތް ކަމަށާއި ބައެއް އަދި ފަރާތްތަކުން މާސްކު ނާޅާ ތިބިކަން ފާހަގަ ކުރެވިފައިވާ ކަމަށް ބުނެ ފުލުހުން މިހާރު ވެސް ވަނީ ތަހުގީގެއް ފަށާފަ އެވެ. އަދި އެ ދުވަހު ރައީސް ވަހީދު ދެއްކެވި ވާހަކަފުޅަށް ފާޑު ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީއަށާއި ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން ދަނީ އެ މަނިކުފާނަށް ފާޑު ކިޔަމުންނެވެ.

ހުކުރު ރަށްރަށުގައި އިދިކޮޅުން ބޭއްވި ސިޔާސީ ހަރަކާތްތަކާއި އެ ދުވަހުގެ މާލޭގައި ބޭއްވި ސައިކަލް ބުރަށް ފަހު ނިންމާލުމެއްގެ ގޮތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދު ވަނީ މި ސަރުކާރަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވާފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!