އަފްގާނިސްތާނުގައި ފެންބޮޑުވެ ގިނަ ބަޔަކު މަރުވުމާގުޅިގެން މިނިސްޓަރ ޝާހިދުގެ ތައުޒިޔާ

އަފްގާނިސްތާނުގެ ޕަރްވާން ޕްރޮވިންސްއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާގައި ގިނަ ބަޔަކު މަރުވުމާގުޅިގެން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އަފްގާނިސްތާނުގެ އެކްޓިންގ ފޮރިން މިނިސްޓަރ މުހަންމަދު ހަނީފް އަތުމާރުއަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ފޮރިން މިނިސްޓަރު ފޮނުއްވި ތައުޒިޔާގެ މި މެސެޖުގައި ޕަރްވާން ޕްރޮވިންސުގައި ހިނގި ފެންބޮޑުވުމުގެ މިހާދިސާގައި ގިނަ ބަޔަކު މަރުވެ، އެތައް ބައެއްގެ ގެދޮރު ގެއްލުނު ހަބަރު އެއްސެވީ ފުން ހިތާމަޔާއެކުގައި ކަމަށް ވިދާޅުވެފައިވެއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާ ކުރިމަތިލަމުންދާ މިދަނޑިވަޅުގައި އަފްގާނިސްތާނަށް ކުރިމަތިވި މި އިތުރު ހިތާމައިގައި ދިވެހި ސަރުކާރާއި ރައްޔިތުން ބައިވެރިވެ، އަފްގާނިސްތާން ސަރުކާރާއި ރައްޔިތުންނަށް ތައުޒިޔާ ދަންނަވާކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން މީހުން ސަލާމަތްކުރުމާއި ރިކަވަރީގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މަސައްކަތަށް ކާމިޔާބީއަށް އެދޭކަމަށްވެސް މިނިސްޓަރުގެ ތައުޒިޔާގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

ކާބުލްއާއި އިންވެގެން އޮންނަ ޕަރްވާން ޕްރޮވިންސަށް ވޭތުވެދިޔަ ހަފްތާގައި ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ހިނގި ހާދިސާތަކުގައި 90 އަށްވުރެ ގިނަ މީހުން މަރުވެ، 100 އަށްވުރެ ގިނަ މީހުންނަށް ވަނީ އަނިޔާވެފައެވެ. މީގެ އިތުރުން މިހާދިސާގައި ގިނަ ބަޔަކު ވީނުވީއެއް ނޭނގި ގެއްލިފައިވާއިރު، މީހުން ދިރިއުޅެމުން އައި 1500 އަށްވުރެ ގިނަ ގެތައް ވަނީ ހަލާވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!