މިވަގުތު އެންމެ އިސްވާނީ ފުރިހަމަ ސިއްހަތެއްގައި އުޅުމުގެ ހައްގު ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޒްލާ ވިދާޅުވީ ސިއްހީ ކުއްލި ނުރައްކަލުގެ މި ހާލަތަކީ އެއްވެސް ތަނަކަށް އެއްވެސް ގޮތަކަށް އެއްވާން ޖެހޭ ދަނޑިވަޅެއް ނޫން ކަމަށެވެ. އަދި މާސްކު އަޅައިގެން އެއްފަހަރާ ތަނަކަށް އެއްވެވޭނީ ފަސް މީހުންނަށް ކަމަށް ނަސޭހަތްތެރިވަމުންދާއިރު ވެސް ހައްގެއް ކަމަށް ބުނެ ބައެއް ފަރާތްތަކުން އެޗްޕީއޭގެ ގައިޑްލައިނާ ހިލާފުވާތަން ފެންނަމުންދާ ކަމަށް ނަޒްލާ ވިދާޅުވިއެވެ.
ކޯވިޑް-19 ބައްޔަކީ ވަކި ބަޔަކަށް ޖެހޭ ބައްޔެއް ނޫންކަން ފާހަގަކުރައްވަމުން އޭނާ ވަނީ ބަލި ޖެހުމުގެ ފުރުސަތު ހުރިހާ އުމުރުފުރާތަކަށް އޮންނަކަން ތަކުރާރުކޮށް ވިދާޅުވެފައެވެ. މިކަމުގެ މަޢުލޫމާތު ނެތް އެއްވެސް މީހެއް މިހާރު ހުންނާނެކަން ޤަބޫލުފުޅު ނުކުރައްވާކަމަށް ވިދާޅުވެ، ޑރ.ނަޒްލާވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެއްވެސް ކަމަކާއި ގުޅިގެން މިޙާލަތުގައި އެއްވުންތަށް ނުބޭއްވުމަށް އޭނާވަނީ އިލްތިމާސްކުރައްވާފައެވެ.
“އެޗްޕީއޭގެ ގައިޑްލައިންތަކާ ޚިލާފުވާތަން ފެނޭ. ޢާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ މިޙާލަތުގައި ދުޅަހެޔޮ ސިއްޙަތުގެ ޙައްގަށްވުރެ އެހެން ޙައްގެއް އިސްވެގެން ނުވާނެ.” ޑރ.ނަޒްލާ ވިދާޅުވިއެވެ.