މާބަނޑު މީހުންނަށް ބަލި ޖެހޭ މިންވަރު އިތުރު ވަނީ

ކުރިއާ އަޅާ ބަލާއިރު މާބަނޑު މީހުންނާސް ކޮވިޑް19 ޖެހޭ މިންވަރު މިހާރު އިތުރު ކަމަށް ޑރ އިބްރާހީމް އަފްޒަލް ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. އަފްޒަލް ވިދާޅުވީ މާބަނޑު މީހުންނަކީ މި ބަލީގައި ހައި ރިސްކު ކެޓެގަރީގައި ހިމެނޭ މީހުން ކަމަށެވެ. އެހެންކަމުން އެ ފަރާތްތަކަށް ވަކިން ޚާއްސަކޮށް ސަމާލުކަމެއް ދީގެން ބަލިން ރައްކާތެރި ކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ޑރ. ވިދާޅުވިއެވެ.

“މާބަނޑު މީހުންނަކީ މިބަލީގަ އަޅުގަނޑުމެން ހައިރިސްކުގަ ހިމަނާފައިވާ ބައެއް. އެހެންވީމާ، ވަކިން ޚާއްސަކޮށް އަޅުގަނޑުމެން އެބަޖެހޭ ގޭތެރޭގަ އެ އުޅޭބަޔަކު ބަލިޖެހުމުން ރައްކާތެރިކުރުވަން. ޒުވާން އުމުރުގެ މީހުން ބޭރުތެރޭގައި އުޅެފައި ގެއަށް އައިސް، ބަލިޖެހިފައި ތިބިކަމަށްވެސް އަލާމާތްތައް ނުފެންނަ ވާހަކަ މިދައްކަނީ. ވެދާނެ އެމީހުންގެ ފަރާތުން ގޭގައި ތިބޭ ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި މާބަނޑު މީހުންނަށްވެސް ބަލިޖެހެނީ”

މީގެ އިތުރުން އުމުރުން 18 އަހަރާއި 40 އަހަރާއި ދެމެދުގެ ފިރިހެނުން ބައްޔަށް ޕޮޒިޓިްވާ މިންވަރު ވެސް އިތުރުވެފައިވާކަން ފާހަގަކުރައްވާ ޑރ. އަފްޒަލް ވިދާޅުވީ އެފަރާތްތަކުގެ އުމުރާއި ސިއްހަތުގެ ގޮތުން ބައްޔެއް ޖެހިފައި ހުރިކަން ނޭނގިދާނެ ކަމަށެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅު ނޭޅޭ ނަމަ ގޭގައި ދިރިއުޅޭ، ނުވަތަ، އާއިލާގެ ހައިރިސްކު މީހުންނަށް ބަލި ޖެހުން ވަރަށް ގާތްކަމަށް ވެސް ވިދާޅުވިއެވެ.

ރާއްޖެއިން ކޮވިޑް19 ޖެހނު މީހުންގެ އަދަދު މިހާރު ވަނީ 7578 އަށް އަރާފައެވެ. އަދި މިހާރު އެކްޓިވް ކޭސްގެ ގޮތުގައި ތިބީ 2619 މީހުންނެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!