ޖެނީލިއާ އަށް ކޮވިޑް-19 ޖެހުނު ކަމާއި އެ ބައްޔާ ހަނގުރާމަކުރި ގޮތް ހިއްސާކޮށްފި

ބޮލީވުޑްގެ ނުފޫޒުގަދަ ބައްޗަން އާއިލާގެ ހަތަރު މީހަކަށް ކޮވިޑް-19 ޖެހި ރަނގަޅުވިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް، އެހެން ފިލްމީ ތަރިއަކަށް ވެސް ކޮވިޑް-19 ޖެހުނު ކަން ހާމަކޮށްފިއެވެ.

މިފަހަރު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ އެކްޓްރެސް ޖެނީލިއާ ޑިސޫޒާ އަށެވެ. އޭނާ މިކަން އިއުލާނުކޮށްފައި ވަނީ މިއަދު ކުރި ޓުވީޓެއްގައެވެ. ޖެނީލިއާ ހާމަކުރި ގޮތުގައި، އޭނާއަށް ކޮވިޑް-19 ޖެހިފައިވަނީ މީގެ ތިން ހަފްތާ ކުރިންނެވެ. ނަމަވެސް އޭނާގެ ކިބައިން ބޮޑެތި އަލާމާތްތައް ނުފެންނަ ކަމަށާއި، އެހެނަސް ބަލިން އެއްކޮށް ރަނގަޅު ވަންދެން އެކަހެރިވެގެން 21 ދުވަސް ހޭދަކުރި ގޮތް ޖެނީލިއާ ކިޔައިދިނެވެ.

“އަހަރެން ވަރަށް ބޮޑަށް ޝުކުރުކުރަން އަހަންނަށް މި ބަލިން ބޮޑުވަރު ނުވީމަ، އެކަމަކު މިދިޔަ 21 ދުވަސް ވީ އަހަންނަށް ހަމަ އެހާ ދަތި ދުވަސްތަކަކަށް. ކިތައްމެ ވަރަކަށް ފޭސްޓައިމް ކޮށް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރިޔަސް އެކަނިވެރިކަން ފިލައިނުދޭ”، ޖެނީލިއާ ކިޔައިދިނެވެ.

ތިން ހަފްތާ ވަންދެން އާއިލާއާ ދުރުގައި އިނުން ވީ “ހަނގުރާމަ” އަކަށް ކަމަށް ސިފަކުރަމުން ޖެނީލިއާ ބުނީ މިހާރު އެ ބަލިން ރަނގަޅުވެ އާއިލާ ގާތަށް އާދެވުނީތީ އުފާކުރާ ކަމަށެވެ.

މީގެ އިތުރުން ކޮވިޑް-19 އިން ޝިފާ ލިބުގަތުމަށް ކުރަންވީ ބައެއް ކަންކަން ޖެނީލިއާ ވަނީ ހިއްސާކޮށްފައެވެ. އެގޮތުން ވީހާވެސް ކުރިން ޓެސްޓު ކުރުމާއި، ސިއްހަތަށް ފައިދާހުރި ކާނާ ކައިގެން ދުޅަހެޔޮކަން މަތީ ހުރުމަށް ހަނދާން ކޮށްދިނެވެ.

ޖެނީލިއާ، 33، އަކީ ބޮލީވުޑްގެ އިތުރުން ތެލުގޫ، ޓަމިލް، ކަންނަޑާ އަދި މަލަޔާލަމް ފިލްމުތަކުގައި ވެސް މަސައްކަތް ކޮށްފައިވާ ތަރިއެކެވެ. ނަމަވެސް 2012 ގައި އެކްޓަރު ރިތޭޝް ދޭޝްމުކާ ކައިވެނި ކުރި ފަހުން ޖެނީލިއާ ފެންނަނީ ފިލްމީ ދާއިރާއާ ފުދޭވަރަކަށް ދުރުގައި އުޅޭ ތަނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!