މާދަމައިން ފެށިގެން ވަގުތީ ގޮތުން ހިދުމަތްތައް ލިބޭނީ ހުޅުމާލެ ބްރާންޗުން: އެސްބީއައި

މާލޭގައި ރޭ ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ނަގާފައިވާ ފްލޯތަކަށް ގެއްލުން ވެފައިވާތީ، މާލޭ ސަރަހައްދުގައި މާދަމާ އިން ފެށިގެން ހުޅުމާލެ ބްރާންޗުން އެކަނި ޚިދުމަތް ދޭން އެ ބޭންކުން ނިންމައިފި އެވެ.

މިރޭ ނެރުނު ނޫސް ބަޔާނެއްގައި އެސްބީއައި އިން ބުނީ އަލިފާނުގެ ހާދިސާއާ ގުޅިގެން، ގަދަގޭ މުހައްމަދުފުޅު ބިލްޑިންގްގައި އެ ބޭންކުން ޚިދުމަތް ދެމުން އަންނަ ފަސް ފްލޯ އަށް ވެސް އެކި ވަރުގެ ގެއްލުން ވެފައިވާ ކަމަށެވެ. އެހެންވެ، މާދަމާ އިން ފެށިގެން މާލެ ސަރަހައްދުގައި ޚިދުމަތް ދޭނީ އެސްބީއައި ހުޅުމާލެ ބްރާންޗުން އެކަނި ކަމަށް ބަޔާނުގައި ވެ އެވެ. އެގޮތުން މާލޭގައި ހިންގާ، އެސްބީއައިގެ މައި ތަނުން ދެމުން އައި ހުރިހާ ޚިދުމަތެއް ހުޅުމާލެ ބްރާންޗުން ލިބޭނެ ކަމަށް އެ ބޭންކުން ބުނެ އެވެ.

އެ ބޭންކުން ވަނީ ހުޅުމާލޭގެ އިތުރުން ޗައިނާ ގާޑަން ކުރިން ހުރި އިމާރާތާ އިން ވެގެން ހުރި އިމާރާތުގައި ވެސް ބައެއް ހިދުމަތް ތައް ދޭން ނިންމާފަ އެވެ. އެ ބިލްޑިންގުން ލިބޭ ހިދުމަތްތަކުގެ ތެރޭގައި ޗެކް ޓްރާންސްފާ ކުރުމާއި އާރްޓީޖީއެސް އަށް އެދުމާއި ޓީޓީ އާއި ރެމިޓެންސް ރިކުއެސްޓް ހެދުން ހިމެނެ އެވެ.

އެސްބީއައި އިން ވަނީ މާލެ އިން ހުޅުމާލެެ އަށް ދާން ބޭނުންވާ ކަސްޓަމަރުންނަށް ދަތުރުގެ އިންތިޒާމު ވެސް ހަމަޖައްސައިފަ އެވެ. އެގޮތުން ހެނދުނު 8 އިން ހަވީރު 6 އަށް އެ ބޭންކަށް ގުޅައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް، އެޕޮއިންޓްމަންޓް ހަމަޖައްސާ ކަސްޓަމަރުންނަށް މިނީ ބަހުގެ ހިދުމަތް ލިބޭނެ އެވެ. އެޕޮއިންޓްމަންޓު ހެއްދުމަށާއި ޚިދުމަތްތަކާ ބެހޭ މައުލޫމާތު ހޯދުމަށް 3350875 ނުވަތަ 9959658 އަށް ގުޅައިގެން ނުވަތަ [email protected] އަށް މެއިލް ކުރެވޭނެ އެވެ.

އެސްބީއައިގެ ހުޅުމާލެ ބްރާންޗު ހުންނާނީ އަމީން އެވެނިއު އޯކް ޔުނިޓް ތިނެއްގެ ތިރީގަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!