އިއްޔެ އިދިކޮޅުން ބޭއްވި ސައިކަލުން ބުރާ ގުޅިގެން ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ފުލުހަށް ހާޒިރުކުރަން ނިންމައިފި އެވެ.
ޕީޕީއެމުން ބުނީ، ސައިކަލު ބުރާ ގުޅިގެން ޝުޖާއު ފުލުހަށް ހާޒިރު ކުރުމަށް ޗިޓު ފޮނުވައިފައި ވަނީ މާދަމާ ރޭ 7:00 އަށް ކަމަށެވެ. އޭނާ ހާޒިރު ކުރަނީ އިއްޔެ ގިނަ އަދަދެއްގެ ބަޔަކާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް މާލޭގެ ބޮޑެތި މަގުތަކުގައި ދުއްވާތަކެއްޗާއި ހިނގާމީހުންނާށް އުނދަގޫވާ ގޮތަށް އަޑުގަދަކޮށް ހަޅޭއްލަވަމުން މަގުތަކުގައި ގިނަ އަދަދެއްގެ ބަޔަކު އެއްކޮށް ސައިކަލު ދުއްވާފައިވާތީއެވެ.
އަދި އެއްވުމުގައި ބައިވެރިކުރި އާންމު ރައްޔިތުންނާއި އެއްވުމުގެ ސަލާމަތީ ކަންކަން ބަލަހައްޓަން ހަރަކާތްތެރިވި ފަރާތްތައް ސިއްހީ ގޮތުން ނުރައްކަލަށް ހުށަހެޅޭހެން އިޖުތިމާއި ގައިދުރުކަމާއި މާސްކު އަޅާފައި ނުވާކަން ފުލުހަށް ހާޒިރުވާން ފޮނުވި ޗިޓުގައި ވަނީ ފާހަގަ ކޮށްފައެވެ.
މާލެ ސަރަހައްދުގައި ކޮވިޑް ފެތުރެމުންދާ ދަނޑިވަޅެއްގައި ގިނަ ބަޔަކު ބައިވެރިވާ ފަދަ އެއްވުމެއް ބޭއްވުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ އެކަން ކުށްވެރި ކުރައްވާފައެވެ. އެގޮތުން ރޭ މާލޭގައި އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ވަޑައިގެން ނޫސްވެރިންނާ ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މިފަދަ ދަނޑިވަޅެއްގައި ގައުމަށް ހެޔޮއެދޭ ބަޔަކު މުޒާހަރާ ނުކުރާނެ ކަމަށެވެ.