މާލޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުގެ ބޭރުގައި ސިފައިން ހަތިޔާރާ އެކު ހަރަކާތްތެރިވަމުން އެބަދެއެވެ.
މީގެ ކުރިން އަމީރު އަހުމަދު މަގުގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުގެ ސެކިއުރިޓީ ބަލަހައްޓަމުން އައީ ފުލުހުންނެވެ.
އެކަމަކު އެތަނުގެ ސެކިއުރިޓީ ވަރުގަދަކޮށް ސިފައިން ހަތިޔާރާއެކު ހަރަކާތްތެރިވަމުންދަނީ ކޮން ސަބަބަކާ ހުރެކަމެއް އެމްއެންޑީއެފް އިން ބުނެފައެއް ނުވެއެވެ.
ސިފައިން އިންޑިއާ ހައިކޮމިޝަން ބޭރުގައި ހަތިޔާރާއެކު ހަރަކާތްތެރިވާން ފަށައިފައި މިވަނީ އިއްޔެ ހަވީރު އިދިކޮޅު ފަރާތްތަކުން “ރާއްޖެ ވިއްކާލުމާ ދެކޮޅު” ނަމުގައި އިންޑިއާއިން ރާއްޖޭގައި ހިނގާ ބަޔެއް ކަންކަމާއި ދެކޮޅަށް ސައިކަލު ބުރެއް ބާއްވައިފައި ވަނިކޮށެވެ. އަދި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ކައިރީ ހުންނަ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެސްބީއައި އަށްވެސް ގެއްލުން ތަކެއް ލިބިފައި ވަނިކޮށެވެ.
ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ވަނީ ރޭ ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ހިނގި އަލިފާނުގެ ހާދިސާއަކީ އެކްސިޑެންޓަކަށް ވުރެ ބޮޑަށް ޓެރަރިޒަމްގެ އަމަލަކަށް ވުން ގާތް ކަމަށް ވިދާޅުވެފަ އެވެ.