ހުޅުމާލޭގެ ބޮޑެތި ބައެއް މަގުތަކުގައި ހުރި ފިތުރޯނު ގަސްތައް ނެގުމަށް ނިންމާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.
އެޗްޑީސީ އިން މިއަދު ބުނީ ފިތުރޯނު ގަސްތައް ކަނޑާލަން ނިންމީ އެ ގަސްތަކަކީ ވަރަށް އަވަހަށް ހެދޭ، ބާރަށް މޫތައް ފެތުރިގަންނަ ގަހަކަށް ވެފައި، މޫތައް ފެތުރިގަނެ ތާރުގަނޑަށް ގެއްލުންވާތީ ކަމަށެވެ.
ހުޅުމާލޭގެ ތާރު މަގުތަކަށް ގެއްލުން ލިބޭކަން އެނގޭ ގޮތަށް، ގަސްތަކުގެ މޫތައް ފައިބައިފާ ހުރި މަންޒަރު ފެންނަހެން ފޮޓޯތަކެއް ވެސް އެޗްޑީސީން ވަނީ ޓްވީޓުކޮށްފަ އެވެ.
އަދި ނަގާނީ ބައެއް ގަސްތައް ކަަމަށާއި ދެން ހުުރި ގަސްތަކުން މަރުވެފައި ހުރި ކުރިތައް ބުރި ކުރާނެ ކަމަށެވެ. އަދި، ނަގާ ގަސްތައް އެހެން ސަރަހައްދެއްގައި އިންދަން ނޫނީ އެ ގަހުން އެހެން ބޭނުމެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ.
ހުޅުމާލެ ހިއްކުމަށް ފަހު ގިރައިގެން ދިޔުމުން ސަލާމަތްކުރުމަށާއި ބިންގަނޑު ވަރުގަދަކޮށް ހިފެހެއްޓުމަށް ގިނަ އަދަދެއްގެ ފިތުރޯނު ގަސް އިންދާފައިވެ އެވެ.
ކުރިޔަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ގަސްތައް ނަގާ ނިމޭނެ ކަމަށް އެޗްޑީސީން ބުނެ އެވެ.