ރާއްޖެ އަންނަ ފަތުރުވެރިންނަށް ހިދުމަތް ދިނުމުގެ ހުއްދަ 95 ސަފާރީއަކަށް ޓޫރިޒަމް މިނިސްޓްރީން ދީފިއެވެ.
މިދިޔަ މަހުގެ 15ގައި ރާއްޖޭގެ ބޯޑަރު ހުޅުވާލާ ފަތުރުވެރިން އަންނަން ފަށާފައިވާ އިރު ސަފާރީތަކަށް ވެސް އޮޕަރޭޓު ކުރުމުގެ ހުއްދަ ދީފައިވެ އެވެ. ނަމަވެސް ސަފާރީތައް އޮޕަރޭޓު ކުރަންޖެހެނީ ޓޫރިޒަމް މިނިސްޓްރީ އިން އެކަމަށް ނަގަން ޖެހޭ ހާއްސަ ހުއްދައެއް ނެގުމަށް ފަހު އެވެ.
ސަފާރީތަކަށް އޮޕަރޭޓް ކުރުމުގެ ހުއްދަ ދީފައިވާއިރު ސަފާރީ ބޯޓްތަކުގެ ކްރޫއިންނާއި ޓޫރިސްޓުން އެއްވެސް ގޮތަކައް މީހުން އުޅޭ ރަށްތަކަށް ނުފޭބުމަށް ނޭޝަނަލް ބޯޓިންގ އެސޯސިއޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކުން ވެސް ސަފާރީތަކަށް އެރުން ވެސް ވަނީ މަނާކޮށްފައެވެ.
މީގެ އިތުރުން ޕީސީއާރު ޓެސްޓު ހެދުމަށްވެސް ސަފާރީތަކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިން ރަށްރަށަށް ނުފޭބުމަށް ވަނީ އިލްތިލާސް ކޮށްފަ އެވެ.
ސަފާރީތަކުގައި ޗުއްޓީ ހޭދަކުރާ މީހުން ޕީސީއާރު ޓެސްޓު ހެދުމަށް ހުޅުމާލޭގައި ވަނީ ހާއްސަ ސްޓޭޝަނެއްވެސް ގާއިމްކޮށްފަ އެވެ. ބޯޓިން އެސޯސިއޭޝަނުން ބުނީ ހުޅުމާލެ ޕީސީއާރު ޓެސްޓިން ސްޓޭޝަނުން ޓެސްޓު ހެދުމަށް ކުރިއާލާ ޕްރީ ބުކިން ހެއްދޭނެ ކަމަށެވެ.