މިދިޔަމަހު ދައުލަތަށް ލިބުނު އާމްދަނީ 78 އިންސައްތަ ދަށަށް

މިދިޔަ އަހަރުގެ ޖުލައިމަހު ދައުލަތަށް ލިބުނު އާމްދަނީއާ އަޅާބަލާއިރު މިދިޔަ ޖުލައިމަހު ދައުލަތަށް ލިބުނު އާމްދަނީ 78 އިންސައްތަ ދަށަށް ހިނގައްޖެއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، ހުސްވި ޖުލައިމަހު ދައުލަތަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 682.2 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ ޖުލައިމަހު ދައުލަތަށް ލިބުނު 3.1 ބިލިއަން ރުފިޔާގެ އާމްދަނީއާ އަޅާބަލާއިރު 78 އިންސައްތަ މަދު އަދަދެކެވެ.

ޖުލައިމަހުގެ އާމްދަނީގެ ތަފްސީލަށް ބަލާލާއިރު، މިދިޔަ އަހަރުގެ ޖުލައިމަހު ދައުލަތަށް ޓެކްސްގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއަހަރުގެ ޖުލައިމަހު ލިބިފައިވަނީ 589.2 މިލިއަން ރުފިޔާއެވެ. ޓެކްސް ނޫން އާމްދަނީގެ ގޮތުގައި މިދިޔަ އަހަރުގެ ޖުލައިމަހު 414 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއަހަރުގެ ޖުލައިމަހު ދައުލަތަށް ލިބިފައިވަނީ 87.8 މިލިއަން ރުފިޔާއެވެ.

ދައުލަތުން ކުރި ޚަރަދުތަކަށް ބަލާލާއިރު، މިދިޔަ އަހަރުގެ ޖުލައިމަހު 2.2 ބިލިއަން ރުފިޔާ ދައުލަތުން ޚަރަދުކޮށްފައިވާއިރު، މިއަހަރުގެ ޖުލައިމަހު ދައުލަތުން ޚަރަދުކޮށްފައިވަނީ 2 ބިލިއަން ރުފިޔާއެވެ. މިދިޔަ ޖުލައިމަހު ރިކަރަންޓް ޚަރަދަށް 1.3 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، ކެޕިޓަލް ޚަރަދުގެ ޖުމްލައަކީ 705 މިލިއަން ރުފިޔާއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!