ރޭ ނިޔާވި 21 އަހަރުގެ އަންހެން މީހާ ކޮވިޑަށް ޕޮޒިޓިވް

ރޭ ނިޔާވި 21 އަހަރުގެ އަންހެން މީހާ ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު އިމާޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވީ އެޒުވާނާ ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާކަން އެނގުނީ، ރާއްޖާގައި މިހާރު މަރުވާ ހުރިހާ މީހުންގެ ސާމްޕަލްވެސް ކޯވިޑް-19އަށް ޓެސްޓު ކުރަމުންދާތީ، އެގޮތަށް ޓެސްޓްކުރި އިރު ކަމަށެވެ.

އެހެންނަމަވެސް މިއީ ކޯވިޑް-19ގެ މަރެއްގެ ގޮތުގައި ނުގުނާނެ ކަމުގައި އެޗްއީއޯސީން ވަނީ ވިދާޅުވެފައެވެ.

ފުލުހުންގެ އިދާރާއިންވެސް ވިދާޅުވެފައި ވަނީ، ރޭ 11:32 ހާއިރު ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ އުމުރުން 21 އަހަރުގެ އަންހެނަކު އެހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައި ވާކަމަށެވެ. އެމައްސަލަ އާއި ގުޅިގެން ބަލަންޖެހޭ ބެލުންތައް ބަލަމުން ދާކަމުގައި ފުލުހުން ވަނީ ވިދާޅުވެފައެވެ.

ރޭ ނިޔާވި ޒުވާނާއަކީ އުރީދޫ މޯލްޑިވުސްގައި މަސައްކަތް ކުރަމުން އައި ޒުވާނެކެވެ. އެޒުވާނާގެ އާއިލާއަށް އެކުންފުނިން ވަނީ ތައުޒިޔާ ފޮނުވާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!