ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް އެއް ވަގުތީ ގޮތުން ބަންދުކޮށްފިއެވެ.
ބީއެމްއެލް އިން ބުނީ ރޭގެ ހާދިސާއާ ގުޅިގެން ބަންދުކޮށްފައިވަނީ ހ.މެރިން ޑްރީމް ކައިރީގައި ހުންނަ އޭޓީއެމް ސެންޓަރު ކަމަށެވެ. އެޓީއެމް ސެންޓަރު ބަންދުކުރީ ކިހާ ދުވަހަކަށް ކަމެއް ނުބުނެ އެވެ.
ނަމަވެސް މާލޭގައި ހުރި އެ ބޭންކުގެ އެހެން އޭޓީއެމް ސެންޓަރުތަކުން ފައިސާ ނެގުމާއި ޖަމާކުރުން އަދި އެހެން މުއާމަލާތްތައް ކުރެވޭނެ ކަމަށް ބޭންކުން ބުންޏެވެ.
ރޭ 9:30 އެހާކަންހާއިރު ފުރަަތަމަ އަލިފާން ރޯވީ ބޮޑުތަކުރުފާނު މަގުން އާޓިފިޝަލް ބީޗާ ދިމާއަށް ވާގޮތަށް ހުންނަ “ކެފޭ ޓިއޯލޯ” ހިންގަމުން އައި ދެ ބުރި އިމާރާތުގަ އެވެ. އެ އަލިފާން ނިއްވާ ނުލެވި މުޅިތަން އަނދާ ހުލިވަމުން ދަނިކޮށް ޖެހިގެން ހުންނަ އެސްބީއައި، އާއި މުއާސަލާތީ ކުންފުނި އުރީދޫގެ އޮފީސް ހިންގާ، 12 ބުރީގެ ގަދަގޭ މުހައްމަދުފުޅު ބިލްޑިންގުގެ އެން މަތީ ބުރިއާއި ޓެރަހުގައި އަލިފާން ރޯވެ ގެއްލުންތައްވީ އެވެ.
އެ އަލިފާންގަނޑު ވެސް ނިއްވުމަށް ހުއްޓުމެއް ނެތި ސިފައިންނާއި ފުލުހުން ވަނީ ހަރަކާތްތެރިވެފައެވެ.