ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެއްވެސް ފަރާތަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭން ޖެހިފައި ނުވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް (އެންޑީއެމްއޭ) އިން ބުނެފިއެވެ.
އެންޑީއެމްއޭގެ ޗީފް އެގްޒެކިއުޓިވް ހިސާން ހަސަން ވިދާޅުވީ، ހާދިސާގައި އަސަރު ކުރި އާއިލާތަކަށް ބޯހިޔާ ވަހިކަން ފޯރުކޮށްދޭނީ އަލިފާންގަނޑު ނިވުމުން އެންޑީއެމްއޭގެ ސްޓާފުން އަދި ސިފައިން އިމާރާތްތަކަށް ގޮސް ކުރާ އެސެސްމެންޓެއްގެ ފަހުން ކަމަށެވެ. އޭގެފަހުން އެންޑީއެމްއޭއިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މިހާދިސާގައި އެއްވެސް ފަރާތަކަށް ވަގުތީ ބޯހިޔާވަހިކަން ދޭންޖެހިފައިނުވާ ކަމަށެވެ.
ރޭ 9:30 އެހާކަންހާއިރު ފުރަަތަމަ އަލިފާން ރޯވީ ބޮޑުތަކުރުފާނު މަގުން އާޓިފިޝަލް ބީޗާ ދިމާއަށް ވާގޮތަށް ހުންނަ “ކެފޭ ޓިއޯލޯ” ހިންގަމުން އައި ދެ ބުރި އިމާރާތުގަ އެވެ. އެ އަލިފާން ނިއްވާ ނުލެވި މުޅިތަން އަނދާ ހުލިވަމުން ދަނިކޮށް ޖެހިގެން ހުންނަ އެސްބީއައި، އާއި މުއާސަލާތީ ކުންފުނި އުރީދޫގެ އޮފީސް ހިންގާ، 12 ބުރީގެ ގަދަގޭ މުހައްމަދުފުޅު ބިލްޑިންގުގެ އެން މަތީ ބުރިއާއި ޓެރަހުގައި އަލިފާން ރޯވެ ގެއްލުންތައްވީ އެވެ.
އެ އަލިފާންގަނޑު ވެސް ނިއްވުމަށް ހުއްޓުމެއް ނެތި ސިފައިންނާއި ފުލުހުން ވަނީ ހަރަކާތްތެރިވެފައެވެ.