އޭސީ އިން ހަށިގަނޑަށް ކުރަނީ ކޮންކަހަލަ އަސަރުތަކެއް؟

ހޫނު ދުވަހެއްގައި އޭސީ ޖައްސާފައި ތަނަކަށް ވަދެވުމުން މުޅި ހަށިގަނޑަށް ފިނިވެ، އަރާމު ލިބިގެންދެއެވެ. މިއާއެކު އުފެދޭ ސުވާލަކީ، އޭސީއިން ހަށިގަނޑަށް ލިއްބައިދެނީ ހުސް ފައިދާ ތޯއެވެ؟ މިކަމާ ބެހޭގޮތުން ދިރާސާ ކޮށްފައިވާ ސައިންސްވެރިން ބުނާ ގޮތުގައި، އޭސީއިން ހަށިގަނޑަށް ކުރަނީ ހުސް އެކަނި ރަނގަޅު އަސަރު ނޫނަސް، ގިނައީ ރަނގަޅު އަސަރު ކަމެވެ.

އެގޮތުން ޑރ. ސީމާ ސަރިން (ޑައިރެކްޓާ އޮފް ލައިފްސްޓައިލް މެޑިސިން އެޓް އީއެޗްއީ ހެލްތު) ބުނާ ގޮތުގައި، އޭސީ އަކީ ރަނގަޅަށް މޮނިޓާ ނުކޮށް މެއިންޓެއިން ނުކޮށް ހުންނަ އެއްޗެއް ނަމަ އޭގެ ސަބަބުން މީހާގެ ސިއްހަތަށް ނުބައި އަސަރުކުރާ ކަމަށެވެ.

އޭސީއިން ސިއްހަތަށް ލިބޭ ފައިދާތަކުގެ ތެރެއިން މައިގަނޑު ފައިދާއަކީ ނިދަން ފަސޭހަކޮށްދީ، ހަށިގަނޑަށް ބޭނުންވާ ނިދި ހަމަކޮށްދިނުމެވެ. ޑރ. ޖެނެޓް ނެޝީވަޓް (ފެމެލީ އެންޑް އިމަޖެންސީ ފިޒިޝަން) ހާމަކުރާ ގޮތުގައި ނިދަން އެންމެ ރަނގަޅު ފިނިހޫނުމިނަކީ އޭސީ 16 އާއި 22 ޑިގްރީ ސެލްސިއަސް ގައި ބަހައްޓައިގެނެވެ.

ހޫނު ތަނެއްގައި ދިރިއުޅުމާއި، ހޫނު މާހައުލެއްގައި މަސައްކަތް ކުރުމަކީ ސިކުނޑިއަށް ވެސް އޭގެން އަސަރު ކުރާ ކަމެއް ކަމަށް ދިރާސާއިން ބުނެއެވެ. އެގޮތުން ހާވާޑް އިން 2018 ގައި އާންމުކުރި ދިރާސާއަކުން އެނގުނު ގޮތުގައި، އޭސީ އަކައި ނުލާ ދިރިއުޅޭ ދަރިވަރުން ހެދި ވިސްނުމުގެ ޓެސްޓުތަކުން، އޭސީގައި ދިރިއުޅޭ ކުދިންނަށްވުރެ ދަށުން މާކްސް ލިބިފައިވެއެވެ.

ނަމަވެސް ވަރަށް ހޫނުގަދަ ތަނެއްގައި އުޅެފައި އައިސް ކުއްލިއަކަށް އޭސީ ޖައްސާފައި ހުރި ފިނިގަދަ ތަނަކަށް ވަނުމަކީ ހަށިގަނޑަށް ކޮންމެވެސް ކަހަލަ ގެއްލުންތަކެއް ކުރިމަތިކުރުވާ ކަމެކެވެ. އެގޮތުން ‘ކްލިނިކަލް އެންޑް ޓްރާންސްލޭޝަނަލް އެލާޖީ’ އިން 2018 ގައި އާންމުކުރި ދިރާސާއެއްގައި ބުނީ، އާދަކޮށް އެގޮތަށް ކަންތައް ކުރާނަމަ ފުއްޕާމެއަށް ގެއްލުންވާ ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ފުއްޕާމެއާ ގުޅުންހުރި ބަލިތަކަށް މަގުފަހިވެގެން ދެއެވެ.

މީގެ އިތުރުން ވެސް މާ ފިނިގަދަ ވެއްޖެނަމަ ގައިގެ މަސްތަކަށް ވެސް އަސަރުކުރާ ކަމަށް ޑރ. ނެޝީވަޓް ފާހަގަކުރެއެވެ. “މާ ގިނައިރު ވަންދެން ވަރަށް ފިނިގަދަ ތަނެއްގައި ހުރެއްޖަނަމަ ހުޅުހުޅުގައި ރިއްސުމާއި، ގައިގައި ރިއްސުން ފަދަ ކަންކަން ދިމާވެދާނެ. ހާއްސަކޮށް އެކަށީގެންވާ ވަރަށް ފެން ނުބޯނަމަ މިކަމުގެ ފުރުސަތު ބޮޑުވެގެންދޭ”. ހަމައެހެންމެ، ނޭވާހިއްލުމުގެ ބަލި (އެސްތުމާ) ހުންނަ މީހުންގެ އެ ބަލި ބޮޑުވެގެންދާ ކަމަށް ވެސް ބުނެއެވެ.

ޑރ. ސަރިން ފާހަގަކުރާ ގޮތުގައި، ގައިގެ ހަންގަނޑު ހިކި، ލޮލުން ފެންމަދުވެ، ޑީހައިޑްރޭޓް ވާނަމަ އެއީ އޭސީގެ ސަބަބުން ދިމާވާ ކަމަކަށް ވުން އެކަށީގެންވެއެވެ. އެއީ ސާފު ވައި ނުލިބުމާއި، ވައިގައި ތެތްކަން ނެތުން ފަދަ ކަންކަމުން ދިމާވާ ކަމެކެވެ.

ނަމަވެސް އަބަދު އޭސީގައި އުޅުމުގެ ބަދަލުގައި، އެއްބައި ފަހަރަށް އޭސީ ބޭނުންކޮށް، އޭސީގެ ފިލްޓާ ބަރާބަރަށް ބަދަލުކުރާ ނަމަ އޭގެން ހަށިގަނޑަށް ރަނގަޅު އަސަރުތަކެއް ކުރާ ކަމަށް ވެސް ޑރ. ސަރިން ބުނެއެވެ. އެގޮތުން ‘އެންވާރަމެންޓަލް އިންޓަނޭޝަނަލް’ އިން 2018 ގައި އާންމުކުރި ދިރާސާއެއްގައި ވާގޮތުން، ފިލްޓާޑް ވައި ހަށިގަނޑަށް ލިބޭނަމަ ވައިގެ ޒަރިއްޔާއިން ކުރިމަތިވާ ޕޮލިއުޝަން ތަކާ ދުރުކޮށްދީ މީހާގެ ހިތާއި ފުއްޕާމޭ ދުޅަހެޔޮކޮށް ބަހައްޓަދެއެވެ.

އެލާޖީ ހުންނަ މީހެއްނަމަ، މަހަކު އެއްފަހަރު އޭސީގެ ފިލްޓާ ބަދަލުކުރުމަށް ‘ދި އެމެރިކަން އެކެޑަމީ އޮފް އެލާޖީ، އެސްތުމާ އެންޑް އިމިއުނޮލޮޖީ’ އިން ލަފާދެއެވެ.

  1. ސުވާލަކީ، އޭސީ ގެ ފިލްޓެރް އެއި ބަދަލު ކުރާ އެއްޗެއް ހޭ ނޫނީ ސާފު ކުރާ އެއްޗެއް ހޭ

    3
    0

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!