އިދިކޮޅުން މިއަދު ބޭއްވި މުޒާހަރާއަށް ރައީސް ސޯލިހު ފާޑުވިދާޅުވެއްޖެ

މާލެ ސިޓީގައި އިދިކޮޅު ކޯލިޝަންގެ ޒުވާނުން މިއަދު ކުރިއަށް ގެންދިޔަ ސިޔާސީ ހަރަކާތް، ސައިކަލް ބުރަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފާޑު ވިދާޅުވެއްޖެ އެވެ.

ހެންވޭރުގައި މިރޭ ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން އެ ސަރަހައްދަށް ވަޑައިގެން ނޫސްވެރިންނާއި ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މި ދުވަސްވަރަކީ ކޮވިޑްގެ ބަލިމަޑުކަމުގެ ނުރައްކާ ބޮޑު ދުވަސްވަރެއް ކަމަށާ ނަމަވެސް އެޗްޕީއޭގެ ގައިޑްލައިންތަކާއި ހިލާފަށް ބަަޔަކު އުޅެމުންދާ މަންޒަރު ފެންނަމުންދާ ކަމަށެވެ.

“ވަރަށް ހިތާމަކުރަން މިއަދު ވެސް މާލޭގައި ބަޔަކު މުޒާހަރާ ކޮށްފި. އަޅުގަނޑުމެންގެ ތެރޭ ތިއްބެވި ވަރަށް އިސް ބޭފުޅުން މާސްކު ވެސް ނާޅާ އުޅުއްވި މަންޒަރު ފެންނިގެން ހިނގައްޖެ. އެއީ ވަރަށް ހިތާމަވެރި ކަމެއް،” އިދިކޮޅުން ބޭއްވި ސައިކަލް ބުރަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވިއެވެ.

މިއަދުގެ ސައިކަލް ބުރުގައި ޕީޕީއެމް އަދި ޕީއެންސީގެ އިސް ބޭފުުޅުން އަދި އިދިކޮޅަށް ނިސްބަޔތްވާ މަޖިލީސް މެންބަރުންވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އެއްވެސް ގައިދުރުކަމެއް ނެތި ކުރިއަށް ގެންދިޔަ މި ސައިކަލް ބުރުގައި ގިނަ ބަޔަކު ބައިވެރިވެފައި ވެއެވެ. އަދި ސައިކަލް ބުރު ޕީޕީއެމް އޮފީސް ކައިރިއަށް ނިންމާލުމުން ޕްރޮގްރެސިވް ކޯލިޝަންގެ އިސްވެރިން ވަނީ ބައިވެެރިންނާއި މުހާތަބުކޮށް ވާހަކަ ދައްކަވާފަ އެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ހިމެނިވަޑައިގަންނަވަ އެވެ.

ރައީސް ސޯލިހު މިރޭ ވިދާޅުވީ އެޗްޕީއޭގެ އެންގުންތަކުގައި ގާނޫނުގެ ބާރުވެރިކަން ހުންނާނެ ކަމަށާއި އެކަންކަމާއި ހިލާފަށް އެއްވެސް ބަޔަކަށް އަމަލު ކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށެވެ.

“އެއްވެސް ހާލެއްގައި އެޗްޕީއޭގެ އެންގުންތައް މުގުރާލާފައި އެއްވެސް ފަރާތަކަށް އަމަލު ކުރުމުގެ ފުރުސަތެއް ނުދޭނަން. އެކަމާއި ގުޅިގެން ސަރުކާރުން، ފުލުހުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ އިނގޭތޯ،” ރައީސް ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ސައިކަލް ބުރުގައި އެޗްޕީއޭގެ މިންގަނޑުތަކާއި ހިލާފުވި މައްސަލަ ބަލާނެ ކަމަށް ފުލުހުން ވެސް ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މިއަދު ބޭއްވުނު ސިޔާސީ ހަރަކާތުގައި އެޗްޕީއޭގެ މިންގަނޑުތަކާއި އެއްގޮތަށް ގައިދުރުކަން ނުބަހައްޓާ ހަރަކާތްތެރިވުމާއި މާސްކު ނާޅާ އުޅެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!