ސުޝާންތު މަންމަ ވެސް ޑިޕްރެޝަން ތަހައްމަލު ކުރި ކަމަށް ރިއާ ބުނެފި

ސުޝާންތު ސިންގް ރާޖްޕުތުގެ މަރާ ގުޅިގެން ލޯބިވެރިޔާ ރިއާ ޗަކްރަބަތީގެ މައްޗަށް ސުޝާންތުގެ އާއިލާއިން ކުރަމުންދާ ތުހުމަތުތަކަށް ފަހު ފުރަތަމަ ފަހަރަށް ރިއާ ދިން އިންޓަވިއުއެއްގައި ސުޝާންތާ ބެހޭގޮތުން އޭނާއަށް އެނގޭ ވާހަކަތައް ހިއްސާކޮށްފިއެވެ.

އިންޑިއާގެ ނޫސް ޗެނަލަކަށް ދިން އިންޓަވިއުއެއްގައި ރިއާ ބުނީ ސުޝާންތަކީ ވަރަށް ރަނގަޅު، އޯގާތެރި މީހެއް ކަމަށާއި، އޭނާގެ ހަޔާތް ނިމެން ދިމާވީ ޑިޕްރެޝަންގެ ސަބަބުން ކަމަށެވެ. އަދި ސުޝާންތުގެ މަންމަ ވެސް ވަނީ ކުރިން ޑިޕްރެޝަނާ ހަނގުރާމަ ކޮށްފައި ކަމަށް ސުޝާންތުގެ ފަރާތުން ލިބިފައިވާ ވާހަކަތަކަށް ބިނާކޮށް ރިއާ ކިޔައިދިނެވެ.

“ސުޝާންތަކީ އޭނާގެ މަންމަ ދެކެ އިންތިހާއަށް ލޯބިވި މީހެއް”، ރިއާ ބުންޏެވެ. އަދި ސުޝާންތުގެ ފުރާވަރުގައި މަންމަ މި ދުނިޔެ ދޫކޮށްފައި ވަނީ ޑިޕްރެޝަނާ ހަނގުރާމަ ކުރުމަށް ފަހުގައި ކަމަށް ވެސް ބުންޏެވެ. އޭގެފަހުން ސުޝާންތުގެ ހަޔާތަށް ހުސްކަމެއް ވެރިވިކަމަށް ބުނެ އޭގެ ސަބަބެއްގެ ގޮތުގައި ރިއާ ބުނީ ސުޝާންތަކީ އޭނާގެ މަންމައާ ވަރަށް ގާތް ގުޅުމެއް އޮތް މީހެއް ކަމަށެވެ.

މީގެ އިތުރުން ރިއާ ހާމަކުރި އަނެއް ކަމަކީ، ސުޝާންތާއި އޭނާގެ ބައްޕަގެ ގުޅުން އެހާ ވަރުގަދަ ނޫން ކަމެވެ. “އެއީ ސުޝާންތު ވަރަށް ކުޑައިރު މަންމަ ދޫކޮށް ބައްޕަ ދިޔައިމަ”، ރިއާ އޮޅުންފިލުވައިދިނެވެ.

ރިއާ އާއި ސުޝާންތާ ދެމެދު އޮތް ގުޅުމުގެ ތަފްސީލާ ބެހޭގޮތުން ނޫސްވެރިޔާ ސުވާލުކުރުމުން ރިއާ ބުނީ، ސުޝާންތު ރިއާ ދެކެ ވަރަށް ލޯބިވި ކަމަށާއި، ވަރަށް ބޮޑަށް އަޅައިލި ކަމަށެވެ. “އެއްފަހަރަކު އަހަންނަށް އެނގުނީ އަހަރެންގެ މޭކަޕަށާއި އިސްތަށިގަނޑަށް ސުޝާންތު 35،000 ރުޕީސް ހަރަދު ކުރި ކަން. އެނގިގެން އަހަރެން ވަގުތުން އެ ފައިސާ އަނބުރާ ދިނިން. އެއީ އެގޮތަށް ސުޝާންތު އަހަންނަށް ޚަރަދުކުރަން ބޭނުން ނުވާތީ”، ރިއާ ކިޔައިދިނެވެ.

ނަމަވެސް ސުޝާންތުގެ ބައްޕަ ފުލުހުންނަށް ހުށަހެޅި މައްސަލައެއްގައި ވަނީ ރިއާގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ. އޭގެތެރޭގައި، ރިއާ ސުޝާންތުގެ ދިރިއުޅުމަށް ވަރަށް ގަދަޔަށް ނުފޫޒު ފޯރުވުމާއި، ސުޝާންތުގެ ފައިސާތަކަކަށް ޚިޔާނާތްތެރިވުން ހިމެނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!