ބޮޑުތަކުރުފާނު މަގު ބޭންކު ކައިރީގައި ހުރި އިމާރާތެއްގައި ރޯވެ އަނދަމުން އެބަދެއެވެ. އެމްއެންޑީއެފުން ބުނީ މިހާރު ކައިރީގައި ހުރި އިމާރާތުން މީހުން ހުސްކުރަމުން ދާ ކަމަށެވެ.
އަލިފާން ރޯވެފައި ވަނީ ހެންވޭރު ބޮޑުތަކުރުފާނު މަގުގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ އިމާރާތާ ޖެހިގެން ހުންނަ ކެފޭ ޓިއޯލޯ ރެސްޓޯރަންޓް ހުރި އިމާރާތުގައެވެ. އެއީ އެސްބީއައި އާ އިންވެގެން ހުންނަ ތަނެކެވެ.
މިހާރު ރޯވެފައި ވާ އަލިފާންގަނޑު ނިއްވުމަށް އެމްއެންޑީއެފުން މަސައްކަތް ކުރާ އިރު، އުރީދޫއާއި އެސްބީއައި ހުންނަ އިމާރާތުގައިވެސް ވަނީ އަލިފާން ހިފާފައެވެ. އަދި އިމާރާތް މިހާރު ވަނީ އަނދާ ހުލިވެފައިއެވެ.
މިހާދިސާގައި މީހަކަށް އަނިޔާއެއް ވި ކަމުގެ މައުލޫމާތެއް އަދި ނުލިބެއެވެ.
މިހާދިސާއާ ގުޅިގެން އަލިފާން ރޯވެފައިވާ ސަރަހައްދަށް އާންމުން ނުދިއުމަށް އެޗްޕީއޭއިން އިލްތިމާސް ކޮށްފިއެވެ. އަދި އެ ސަހަރައްދުގައި ކޮވިޑަށް ޕޮޒިޓިވް މީހުންނާއި ކޮންޓެކްޓް ވެފައި ތިބި މީހުން ތިބި ނަމަ އެޗްޕީއޭގެ ނަންބަރަށް ގުޅުމަށްވެސް ވަނީީ އިލްތިމާސް ކޮށްފައެވެ.