ރައްޔިތުންގެ ހައްގުގައި ބޭއްވި އެއްވުމުގައި، ގައިދުރުކަން ނެތް މައްސަލަ ބަލަނީ

އިދިކޮޅު ކޯލިޝަނުން މިއަދު ހަވީރު މާލެ ސަރަހައްދުގައި ބޭއްވި ސައިކަލު ބުރުގައި ހެލްތު ޕްރޮޓެކްޗަން އެޖެންސީގެ ގައިޑްލައިންތަކާއި ޚިލާފްވި މައްސަލަ ބަލަމުންދާނެ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެފިއެވެ.

ރާއްޖޭގައި ކޯވިޑް-19ގެ ނުރައްކާ ބޮޑުވެފައިވާ މި ދަނޑިވަޅުގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދުވަނީ “ގައުމު ވިއްކާލުމާ ދެކޮޅަށް” ނަމުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގާލުމާއި ސައިކަލްބުރުތައް ބާއްވާފައެވެ.

މާލެ ސަރަހައްދުގައި ބަލި ފެތުރުން އިންތިހާއަށް އިތުރުވެ ބަލީގެ ނުރައްކާ ބޮޑުވެފައިވާތީ ބަލި ކޮންޓްރޯލް ކުރުމަށްޓަކައި އަލަމުންދާ ފިޔަވަޅުތަކުގެ ދަށުން އެޗްޕީއޭއިން ވަނީ މާލޭގައި 5 މީހުންނަށްވުރެ ގިނައިން އެއްވެ މަގުމަތީގައި އުޅުން މާނާކޮށްފައެވެ. މާލޭގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާތީ ޑޮކްޓަރުންނާއި ސިއްޙީ އެހީތެރިންވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މި ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށްޓަކައި ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތްކުރުމަށްވެސް އެ ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.

ފުލުހުން ވިދާޅުވީ މިއަދު ބޭއްވުނު ސިޔާސީ ހަރަކާތުގައި އެޗް.ޕީ.އޭއިން ކަނޑައަޅާފައިވާ މިންގަނޑުތަކާއި ޚިލާފުވެ ގައިދުރުކަން ބެހެއްޓުމާއި ބައެއް މީހުން މާސްކު ނާޅައި އުޅެފައިވާކަންވެސް ފާހަގަކުރެވިފައިވާކަމަށެވެ. އަދި މިކަމާއި ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ބާއްވާނަމަ އެ އެއްވުން ބޭއްވޭނީ ކާނިވާ ސަރަހައްދުގައި އެކަނިކަމަށް ހޯމް މިނިސްޓްރީން ވަނީ ޖުލައި މަހުގެ ތެރޭގައި އަންގާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!