ވެރިކަން ވައްޓާލުމަށް ބަޔަކު ރާވަނީ؟

ރާއްޖޭގައި ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށް މާ ވަރުގަދަ ސައްލާތަކެއް ކުރީގެ ޕޮލިސް ކޮމިޝަނަރަކާއި މަޝްހޫރު ވިޔަފާރިވެރިއަކު ހިންގަމުން ގެންދާ ކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ރާއްޖެ އެމްވީ އިން ރިޕޯޓްކޮށްފިއެވެ.

ޔާމީން އަބްދުލް ގައްޔޫމުގެ ކަރަޕްޓް ޚުދުމުޚުތާރު ވެރިކަން ނިމުމަކަށް ރައްޔިތުން ގެނެސް، ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތާއެކު ވެރިކަމަށް އިސްކުރެވުނު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމަށް އަދި ދެ އަހަރު ނުފުނެރީސް ވެރިކަން ހޯދޭނެ ގޮތެއް ނެތިގެން ކެތް މަދުވެފައި ތިބި ބަޔަކު މި ސައްލާތައް ކުރަނީ ވަރަށް ސިއްރިއްޔާތުގައި ކަމަށް ރާއްޖެ އެމްވީ ގައި ވަނީ ރިޕޯޓްކޮށްފައިއެވެ.

އަދި މަހަ ރާއްޖެ އެމްވީ އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ރައީސް ސޯލިހުގެ ވެރިކަން ވައްޓާލުމަށް މަޝްވަރާ ކުރުމުގައި އިސްކޮށް އުޅޭ ޕޮލިސް ކޮމިޝަނަރކަން ކޮށްފައިވާ މީހާ އާއި، ވިޔަފާރީގައި ޒަމާނުއްސުރެ އުޅެމުންދާ މީހަކީ މީގެ ކުރިންވެސް މިފަދަ ރެކޯޑްތައް އޮތް ދެމީހުންކަން ލިބިފައިވާ މައުލޫމާތައް ބަލާއިރު ފާހަގަ ކުރެވެއެވެ.

ގާނޫނުގެ އިމުގެ ބޭރުން ވެރިކަން ވައްޓާލުމަށް ކުރާ މަޝްވަރާތަކުގައި ބައިވެރިވާ ކުރީގެ ޕޮލިސް ކޮމިޝަނަރު ގެންދަނީ އޭނާ އަޑީގައި ހުރުގެން ރައްޔިތުންގެ މެދުގައި ސަރުކާރާ މެދު ރުޅިވެރިކަން އުފެއްދުމުގެ ގޮތުން ދޮގު ވާހަކަތައް ފެތުރުމުގައި އިސްދައުރެއް އަދާކުރަމުން ކަމަށްވެސް ރާއްޖެ އެމްވީ ވަނީ ރިޕޯޓް ކޮށްފައިއެވެ.

ރާއްޖޭގައި އުފެދުނު އެމްޑީޕީގެ ފުރަތަމަ ސަރުކާރުގެ ރައީސް، މުހައްމަދު ނަޝީދު މަގާމުން އިސްތިއުފާ ދެއްވީ، ފުލުހުންނާއި ސިފައިންގެ ބަޔަކު ސަރުކާރާ ދެކޮޅަށް ހިންގި ބަޣާވާތެއްގެ ސަބަބުންނެވެ. އެފަހަރުގެ އެ ހާދިސާގެ ފަހަތުގައިވެސް އޭރު ފުލުހުންގެ ޚިދުމަތުން ދުރުކޮށްފައިވާ ބައެއް ފަރާތްތަކުން އެކަން ރޭވުމުގައި ބައިވެރިވި ކަމަށް ވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!