އިންޑިއާ ސަރުކާރުގެ ފަރާތުންނާއި އެހެނިހެން ގޮތްގޮތުން ހުޅުމާލެއަށް ލިބޭ ކުރިއެރުން ބަލައިގަންނަން: އެމްޕީ ނިޔާ

އިންޑިއާ ސަރުކާރުގެ ފަރާތުން ހުޅުމާލެއަށް ލިބޭ ކުރިއެރުންތައް ބަލައިގަންނަ ކަމަށް މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވިދާޅުވެއްޖެ އެވެ.

ނިޔާޒު މިގޮތަށް ވިދާޅުވެފައި ވަނީ އިންޑިއާ ސަރުކާރުގެ އެހީގައި ހުޅުމާލެ ސެންޓްރަލް ޕާކާއި، އިރުމަތީ ފަރާތު އެރައިވަލް ޖެޓީ މަރާމާތު ކުރުމުގެ މަޝްރޫއު އިއްޔެ އިފްތިތާހުކުރަން ބޭއްވި ވާޗުއަލް ރަސްމިއްޔާތުގަ އެވެ. 

ނިޔާޒު ވިދާޅުވީ ހުޅުމާލެއަކީ މާލޭގެ ރައްޔިތުންގެ ތޮއްޖެހުމަށް، އަދި ފަސޭހަ ތަނަވަސް ދިރިއުޅުމެއް އުޅުމަށްޓަކައި ވަރަށް ރަނގަޅަށް ރޭވިގެން ހިނގާ އަވަށެއް ކަމަށާއި މިހިސާބަށް އައި އިރުގައި ވަރަށް ރަނގަޅު ރޭވުންތެރިކަމެއް އަދި ދުރުރާސްތާގެ ވިސްނުންތަކެއް ގެންގުޅެގެން ތަރައްގީ ކުރަމުން އަންނަ ތަނެއް ކަމަށެވެ. 

އަދި ލިބޭ އެހީތަކާއެކު އެކަން އިތުރަށް ފުރިހަމަކުރުމުގެ މަސައްކަތް ކުރަން ފުރުސަތު ލިބޭކަން ފާހަގަކުރައްވާ ވިދާޅުވީ ފަހަރެއްގައި މިއީ އަޅުގަނޑުމެންނަށް ވަރަށް ބޮޑު އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓެއް ނޫން ނަމަވެސް ޕަބްލިކް ސްޕޭސްތައް ތަރައްގީކުރުމާއި، އަދި ހިތްފަސޭހަ ދިރިއުޅުމަކަށް މަގުފަހިވާ ގޮތަށް ހިންގޭ ކަންކަން ބަލައިގަންނަ ކަމަށެވެ. 

އަދި އެފަދަ ކަންކަމަށް ހިންގޭ ހަރަދުތަކަކީވެސް، ކުރެވޭ މަސައްކަތަކީ ވެސް ބަލައިގަނެވޭ ކަންކަންކަމަށް ގަބޫލުކުރައްވާ ކަމަށް ނިޔާޒު ވިދާޅުވި އެވެ. އެގޮތުން އިންޑިއާ ސަރުކާރުގެ ފަރާތުން އަޅައިދޭ ކްރިކެޓް ސްޓޭޑިއަމް އާއި ކެންސަރު ހޮސްޕިޓަލްގެ މަސައްކަތް ފާހަގަކުރެއްވި އެވެ.

އަދި ކުރިއަށް އޮތްތަނުގައިވެސް އިންޑިއާ ސަރުކާރުގެ ފަރާތުންނާއި އެހެނިހެން ގޮތްގޮތުން ހުޅުމާލެއަށް ލިބޭ ކުރިއެރުން ބަލައިގަންނަ ކަމަށް ވިދާޅުވި އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!