ހުކުރު ޚުތުބާ: ވަކީލު ކުރުމަކީ ގަދަރު އުފުލިގެންވާ, ﷲގެ ލޯބިވެވޮޑިގަތުން ހާސިލް ކުރެވޭނެ މަގެއް

މާތް ﷲ އަށް ވަކީލުކުރުން ކުޑަކުރެވި، މާބޮޑަށް ސަބަބުތަކަށް ބަރޯސާވެއްޖެ ކަމުގައިވާނަމަ އެމީހަކަށް ކެހި ލިބޭނެ ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

”ހައްގު ގޮތުގައި ﷲއަށް ވަކީލު ކުރުން” މިމައުޟޫއަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް އިއްވި ހުކުރު ޚުތުބާގައި ބުނީ ﷲ އަށް ވަކީލު ކުރުމަކީ އީމާންކަމާއި، އިސްލާމްކަމާއި، އިޙްސާން ކަމާ ގުޅި ލާމެހިފައިވާ ކަމަށާއި، ދުންޔަވީ ޙަޔާތުގައި އެކަމުގެ އަސަރު ބޮޑު، އަދި ދީނުގެ މަތިވެރިވެގެންވާ ޝިއާރެއް ކަމަށެވެ.

ޚުތުބާގައި ބުނީ ވަކީލު ކުރުމަކީ ގަދަރު އުފުލިގެންވާ އަމަލެއް ކަމަށާއި، ﷲގެ ލޯބިވެވޮޑިގަތުން ހާސިލް ކުރެވޭނެ މަގެއް ކަމަށެވެ.

“މާތް ﷲ ވަހީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައީ: “ހަމަކަށަވަރުން، ފަގީ ކުރާމީހުން ދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ.” އަދި ޙައްޤު ގޮތުގައި މާތް ﷲ އަށް ވަކީލުކުރުމަކީ އަޅުކަމުގެ އަޞްލުތަކުގެ ތެރެއިން އަޞްލެކެވެ. އެކަމަކާ ނުލައި އަޅާގެ އީމާންކަން ފުރިހަމަ ނުވާނޭ ކަމެކެވެ.”

ކޮންމެ ކަމެއް ވެސް ވުމަށްޓަކައި އެކަލާނގެ ލައްވާފައިވާ ދުންޔަވީ ސަބަބުތަކެއްވާކަން ފާހަގަކޮށް ޚުތުބާގައި ބުނީ އެ ސަބަބުތަކުގައި ހިފުމަކީ މާތް ﷲ އަށް ކިޔަމަންތެރިކަން އަދާކޮށް، އެކަލާނގެއަށް އީމާން ވުމުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި، އެ ސަބަބުތަކަކީ ކަމެއް ހާސިލްކުރުމުގައި، މުހިއްމު ކަމެއް ނޫން ކަމުގައި ދުށުމަކީ، ސިކުނޑީގެ އުނިކަމެއް ކަމަށެވެ. އަދި އިސްލާމް ދީން ގޮވާލާ ގޮތެއް ވެސް ނޫން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ ހަމައެކަނި އެ ސަބަބުތަކަށް ބަރޯސާވުމަކީ، އިސްލާމީ ޢަޤީދާއާ ފުށުއަރާ ކަމެއް ކަމަށެވެ. އެހެންކަމުން ސަބަބު ތަކުގައި ހިފައި، ﷲ ތައާލާ އަށް ބަރޯސާ ވުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ. އަދި ﷲ އަށް ވަކީލުކުރާ ތައުޙީދުގެ އަހުލުވެރިންގެ ގޮތަކީ ހަމައެކަނި ސަބަބުތަކަކަށް ބަރޯސާނުވުން ކަމަށާއި، އެސަބަބުތަކަށް ދޫކޮށް ނުލުން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ ސަބަބުތަކުގައި ހިފައި، ސަބަބުތައް މެ ދުވެރިކުރައްވާ، ޢާލަމްތަކުގެ ވެރި ރަސްކަލާނގެއަށް އުއްމީދުކުރަން ޖެހޭ ކަމަށެވެ. އަދި އެމީހެއްގެ ހުރިހާ ކަމެއް އެ ކަލާނގެއާ ހަވާލު ކުރުމާއެކު ރަމަލުޖެހުމާއި، ފާލުބެލުމާއި، އަތްބެލުމާއި، ތަވީދު އެޅުން ފަދަ ޝިރުކުގެ އަމަލުތަކުން ދުރުވެ އެއްކިބާވެ މިންވަރުކުރެއްވި ކަމެއް މެނުވީ ނުވާނެކަން ހިތުގެ އަޑިން ގަބޫލު ކުރަން ޖެހޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!