އާބާދީ މަދުވަމުންދާ 2 ބާވަތެއްގެ ހުއިފިލަނޑާ އެކްސްޕޯޓް ނުކުރުމަށް ނިންމައިފި

ރާއްޖެއިން އާއްމުކޮށް އެކްސްޕޯޓްކުރާ ހުއިފިލަނޑާގެ ބާވަތްތަކުގެ އާބާދީ މަދުވަމުންދާތީ، އެ ތަކެތި އެކްސްޕޯޓްކުރުމަށް ހުއްދަ ދިނުން ހުއްޓާލުމަށް ނިންމާފައިވާކަމަށް މިނިނިސްޓްރީ އޮފް އެންވަޔަރަމަންޓުން ވިދާޅުވެއްޖެއެވެ.

ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ އެކްސްޕޯޓްކުރުމަށް ހުއްދަ ދޫނުކުރުމަށް ނިންމާފައިވަނީ ރާއްޖެއިން އާއްމުކޮށް އެކްސްޕޯޓްކުރާ “ހުދު ބަޓު” އަދި “ކަޅު ބަޓު” ކަމަށެވެ. އަދި މިގޮތަށް ނިންމާފައިވަނީ ރާއްޖޭގައި ހުއިފިލަނޑާ އާލާވާ މިންވަރަށްވުރެ، ހުއިފިލަނޑާ ނަގާ މިންވަރު އިތުރުވެފައިވާތި އެތަކެތީގެ އާބާދީއަށް ގެއްލުންވުމުގެ ފުރުސަތު ބޮޑުވެފައިވާތީކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ.

ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލް އަޤްވާމީ މުއާޙަދާއެއްކަމަށްވާ، ސައިޓީސް މުއާޙަދާއިން ވަނީ މި ބާވަތްތަކުގެ ހުއިފިލަނޑާގެ އާބާދީ ރާއްޖޭގައި މަދުވަމުން އަންނަކަން ފާހަގަކޮށް، ވަކި އުސޫލަކުން އެތަކެތީގެ ވިޔަފާރިކުރެވޭގޮތް ހަމަޖެއްސުމަށް އަންގާފައެވެ. މި އުސޫލުގެ ދަށުން ރާއްޖޭގައި އާއްމުކޮށް ހުއިފިލަނޑާގެ ވިޔަފާރިކުރާ “ހުދު ބަޓު” އަދި “ކަޅު ބަޓު”ގެ ބާވަތްތައް، ވިޔަފާރި އުސޫލުން އެއްޤައުމުން އަނެއް ޤައުމަށް ގެންދެވޭނީ، އެކްސްޕޯޓްކުރާ ޤައުމުގެ ސައިޓީސް މެނޭޖްމަންޓް އޮތޯރިޓީންދޭ ޚާއްސަ ހުއްދައަކާއެކުއެވެ. ރާއްޖޭގައި މި ހުއްދަ ދޫކުރަމުން އައިސްފައިވަނީ އެންވަޔަރަމަންޓް މިނިސްޓްރީންނެވެ.

ނަމަވެސް ދިވެހިރާއްޖޭގެ ސައިންޓިފިކް އޮތޯރިޓީ، މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުން ދިރާސާކޮށް ތައްޔާރުކޮށްފައިވާ ރިޕޯޓްގައިވަނީ މި ބާވަތްތަކުގެ ހުއިފިލަނޑާ ރާއްޖެއިން ނެތިދިއުމުގެ ފުރުސަތު އޮތްކަން ފާހަގަކޮށްފައެވެ. އެންވަޔަރަމަންޓް މިނިސްޓްރީއިން ވިދާޅުވީ އެކްސްޕޯޓްކުރުމަށް ދޫކުރާ ހުއްދަ ދެެން ދޫކުރަން ފަށާނީ މި ދެ ބާވަތުގެ ހުއިފިލަނޑާ ނަގާ މިންވަރަކީ އޭގެ އާބާދީ ދެމެހެއްޓުމަށް ގެއްލުން ނުވާ މިންވަރެއްކަމަށް މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓުން މިނިސްޓްރީއަށް އެންގުމުންކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!