އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ދޫކޮށްފައިވާ ހުރިހާ ލޯނު ތަކެއް މި އަހަރުގެ ނިޔަލަށް ފަސްކޮށްދޭން ނިންމާފައިވާއިރު އެކަމަށް އެދި ހުށައެޅުމުގެ ފުރުސަތު ސެޕްޓެންބަރު މަހުގެ ހަތް ވަނަ ދުވަހު ހުޅުވާލާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެފި އެވެ.
ރާއްޖޭގެ ކުދި ވިޔަފާރި ތަކަށް މާލީ އެހީތެރިކަން ދޭން، ސަރުކާރުގެ އެހީތެރިކަމާއެކު އުފެއްދި ބޭންކުގެ ލޯނުތައް ފަސްކޮށްދިންކަން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވަނީ ހާމަކޮށްފައެވެ. އޭގެ ފަހުން މިރޭ އެ ކޯޕަރޭޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ސެޕްޓެންބަރު މަހުން ފެށިގެން ހަތަރު މަސް ދުވަހަށް ލޯންތައް ފަސް ކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެކަމަށް އެދި ހުށައެޅުމުގެ ފުރުސަތު ސެޕްޓެންބަރު މަހުގެ ހަތް ވަނަ ދުވަހު ހުޅުވާލާނެ ކަމަށެވެ.
“ކުރިންވެސް އިއުލާނު ކުރެވުނު ފަދައިން މޮރެޓޯރިއަމްގެ މުއްދަތުގައި އެސްޑީއެފްސީން ދޫކޮށްފައިވާ ލޯނުތަކުގެ އިންޓްރެސްޓް ރޭޓް ހަތަރު ޕަސެންޓް ކުޑަކުރެވޭނެ،”
އެސްޑީއެފްސީން ބުނީ މިވަގުތު އެންމެ އިސްކަން ދެނީ ކޮވިޑް-19 އާއި ގުޅިގެން އެންމެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައި ގަތުމަށް އިތުރު ފުރުސަތުތައް ފަހިކޮށް ދިނުމަށް ކަަމަށެވެ.
ލޯން ފަސްކޮށްދިނުމާއި ގުޅޭ އިތުރު މައުލޫމާތުތައް ސެޕްޓެންބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އެ ކޯޕަރޭޝަންގެ ވެބްސައިޓުން ލިިބެން ހުންނާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
އެސްޑީއެފްސީ އިން ދަނީ ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަކަށް ގިނަ އަދަދެއްގެ ލޯނު ދެމުންނެވެ.