ގޮނޑުދޮށްތައް އަމިއްލަ އަށް ތަރައްޤީ ނުކުރުމަށް އައްޑޫސިޓީ ކައުންސިލުން އެދިއްޖެ

ކައުންސިލްގެ ހުއްދަ ހޯދުމަކާ ނުލައި އައްޑޫސިޓީގެ އެކި ރަށްތަކުގެ ގޮނޑުދޮށްތައް ތަރައްޤީ ނުކުރުމަށް ކައުންސިލުން އެދިއްޖެއެވެ.

ބުރާސްފަތި ދުވަހު އައްޑޫ ސިޓީ ކައުންސިލުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، އައްޑޫގެ އެކި އަވަށްތަކާއި އެ އަވަށްތަކާއި ގުޅިފައިވާ ގޮނޑުދޮށްތައް ކުނިކަހާ ސާފުކޮށް ބޭއްވުމަށްޓަކައި ޖަމިއްޔާ ޖަމާޢަތްތަކާއި އައްޑޫގެ ރައްޔިތުން ކުރަމުންގެންދާ މަސައްކަތްތަކަކީ ކައުންސިލުން އަބަދު ވެސް ތަރުހީބުދޭ އަދި އެކަމަށް ބާރުއަޅާ ކަމެއް ކަމަށެވެ.

ނަމަވެސް ފަހަކަށް އައިސް ކައުންސިލްގެ ހުއްދަނެތި އައްޑޫސިޓީގެ އަވަށްތަކުގެ ގޮނޑުދޮށްތަކުގައި އަމިއްލަ ފަރާތްތަކުން ބީޗް ހެދުން ފަދަ މަސައްކަތް ކުރަމުން ގެންދާކަން ފާހަގަ ކުރެވިފައިވާ ކަމަށް ކައުންސިލުން ބުނެއެވެ. އެގޮތުން ހުއްދަ ހޯދުމަކާނުލާ ދައުލަތުގެ ބަންޑާރަ ބިން ބޭނުން ކުރުމާއި، އެ ބިންތަކާއި ގުޅިފައިވާ ގޮނޑުދޮށްތަކުގައި ބީޗް ހެދުން ފަދަ މަސައްކަތްތައް ކުރުމަކީ ތިމާވެއްޓަށް އެކަމުން އަސަރުކުރާނެ އަދި ޤާނުނުގައި ވެސް އެކަން މަނާކޮށްފައިވާ ކަންތައްތައް ކަމަށެވެ.

އެހެންކަމުން އެންމެހާ ފަރާތްތަކަށް އެފަދަ މަސައްކަތް ނުކުރުމަށް ވެސް އައްޑޫ ސިޓީ ކައުންސިލުން ވަނީ އިލްތިމާސް ކޮށްފައެވެ.

މި ނޫސް ބަޔާނުގައި އިތުރަށް ބުނެފައިވަނީ އައްޑޫ ސިޓީ ފޭދޫ ހިއްކިބިން ސަރަހައްދަކީ އައްޑޫގެ ކުރިމަގާއި ގުޅިފައިވާ އިޤްތިސާދީ މަސައްކަތްތައް ކުރުމުގެ ގޮތުން ޓޫރިޒަމް ޒޯނެއްގެ ގޮތުގައި ތަރައްޤީ ކުރަން ކަނޑައަޅައި އެކަމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ތަނެއް ކަމަށެވެ. އަދި އެ ސަރަހައްދުގައި ބީޗް ހެދުން ފަދަ މަސައްކަތްތައް ކުރުމަކީ އެކަމުގެ ސަބަބުން ޕްރޮޖެކްޓަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެއްކަން ފާހަގަކޮށް ކައުންސިލުން ބުނީ، އެ ސަރަޙައްދު ބޭނުންކޮށްގެން އެފަދަ މަސައްކަތް ނުކުރުމަށް ރައްޔިތުން ކިބައިން އެދޭ ކަމަށެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ މި އެންގުމާއި ޚިލާފުވާ ފަރާތްތަކާމެދު ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ ޢިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 140 ވަނަ މާއްދާ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!