އެޗްޕީއޭގެ ހުއްދައާއި އެކު މާޒިޔާއިން ޕްރެކްޓިސް ފަށައިފި

އެޗްޕީއޭގެ ހުއްދައާއި އެކު މާޒިޔާއިން އޭއެފްސީ ކަޕަށް ޕްރެކްޓިސް ފަށައިފިއެވެ. މާޒިޔާއިން ޕްރެކްޓިސް ކުރަމުން އަންނަނީ ރަސްމީ ބޯޅަ ދަނޑުގައެވެ.

މާލެ ސަރަހައްދުގައި ކޮވިޑް-19 ފެތުރުން އިތުރުވަމުން ދާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކުޅިވަރު ހަރަކާތްތަކާއި ޓީމުތަކުގެ ފަރިތަކުރުންތައް ކުރިއަށް ނުގެންދަން މި މަހުގެ ކުރީކޮޅު ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ލަފާ ދިން ނަމަވެސް، މިދިޔަ އަންގާރަ ދުވަހު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ މާޒިޔާގެ އިތުރުން ޓީސީ ސްޕޯޓްސް ކުލަބާއި، ގައުމީ ފުޓްބޯޅަ ޓީމަށް ފަރިތަކުރުމުގެ ހުއްދަ ދީފައެވެ.

އެޗްޕީއޭއިން މައުލޫމާތުދޭ ގޮތުގައި ޓީމުތަކުން ފަރިތަކުރުންތައް ކުރިއަށް ގެންދަންޖެހޭނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެކުލަވާލާފައިވާ އުސޫލުތަކާ އެއްގޮތަށެވެ. އެއާއެކު ބުރާސްފަތި ދުވަހުގެ ހަވީރު މާޒިޔާއިން ވަނީ ގައުމީ ފުޓްބޯޅަ ދަނޑުގައި ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައެވެ.

މާޒިޔާއިން އޭއެފްސީ ކަޕަށް ތައްޔާރުވުމަށް ފަރިތަކުރުންތައް ފެށި ނަމަވެސް، މި މުބާރާތުގައި ވާދަކުރާ ޓީސީން އަދި މިހާތަނަށް ފަރިތަކުރުންތައް ފަށާފައެއް ނުވެއެވެ. ޓީސީގެ ކޯޗު މުޙައްމަދު ޝާޒްލީ (ޝާޒް) ބުނީ އެ ކުލަބުގެ ފަރިތަކުރުންތައް އަންނަ ސެޕްޓެމްބަރު މަހުގެ ދޭއް ހިސާބު ފެށުމަށް މިހާރު ތައްޔާރުވަމުންދާ ކަމަށެވެ.

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާއަށް ހާއްސަ ގްރޫޕްގެ ހުރިހާ މެޗެއް މާލޭގައި ކުރިއަށްދާއިރު، މެޗުތައް ކުޅޭނީ އޮކްޓޯބަރު މަހުގެ 23ން ނޮވެމްބަރު ހަތަރަކާ ދެމެދުއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!