ބޮލީވުޑް ފޭނުންނަށް މިއަދު ލިބުނު އެންމެ ހާއްސަ ޙަބަރަކީ، އެކްޓްރެސް އަނުޝްކާ ޝަރުމާ އަލަތު ދަރިފުޅަށް ބަލިވެ އިން ޙަބަރެވެ.
އަނުޝްކާ މި ޙަބަރު އިޢުލާނުކޮށްފައި ވަނީ އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށެވެ. އެގޮތުން އޭނާ ހިއްސާކުރި ފޮޓޯގައި ފެންނަނީ ފިރިމީހާ ވިރާޓް ކޯލީއާއެކު ހުއްޓިލައިގެން ހުރި މަންޒަރެވެ. އަދި އަނުޝްކާގެ ބަނޑު ރީއްޗަށް ފެންނަން އިނދެއެވެ.
މި ފޮޓޯއާއެކު މަރުހަބާ ކިއީ މީހުންގެ ތެރެއިން ގިނަ ބަޔަކު ފާހަގަކުރީ އަނުޝްކާ ލައިގެން ހުރި ހެދުން ސާދާ ވެފައި، ރީތި ކަމެވެ. އަދި މާބަނޑު މީހުން ލާން އެ ހެދުން ވަރަށް ގުޅޭ ކަމަށް ބުނެފައިވެއެވެ.

އަނުޝްކާ ލައިގެން ހުރީ ލޮސް އެންޖަލިސް އަށް ނިސްބަތްވާ ފެޝަން ލޭބަލެއް ކަމަށްވާ ނިކޯލަސްގެ ހެދުމެކެވެ. ކަޅު ކުލައިގެ ހެދުމުގައި ހުދު ބޮޅުތަކެއް ޖަހާފައި ހުރި މި ހެދުމުގެ އަގަކީ 45،000 އިންޑިއަން ރުޕީސް ކަމަށް ‘ޓައިމްސް އޮފް އިންޑިއާ’ އިން ރިޕޯޓުކުރެއެވެ. ދިވެހި ރުފިޔާއިން ނަމަ އެއީ 9500 އާ ގާތް ކުރާ އަދެކެވެ.
އަނުޝްކާގެ ޕޯސްޓަށް ބަލާއިރު އޭނާ ވިހާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގައެވެ. ފޭނުން މިހާރު ތިބީ އެ ދުވަހުގެ އިންތިޒާރުގައެވެ.