ރިއާގެ އާއިލާއަށް ފުރައްސާރަ ކުރިމަތިވާތީ ފުލުހުންގެ ރައްކާތެރިކަމަށް އެދިއްޖެ

ބޮލީވުޑް އެކްޓަރު ސުޝާންތު ސިންގް ރާޖްޕުތުގެ މަރުގައި އޭނާގެ ލޯބިވެރިޔާ ރިއާ ޗަކްރަބަތީ އަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ގިނަ ބައެއްގެ ނަފްރަތު ލިބިފައިވާއިރު، އޭނާގެ އާއިލާއަށް ވެސް ފުރައްސާރަ ކުރިމަތިވަމުންދާ ކަމަށްބުނެ މުމްބާއީ ފުލުހުންގެ ފަރާތުން ރައްކާތެރި ކަމަށް އެދިއްޖެއެވެ.

28 އަހަރުގެ އެކްޓްރެސް އޭނާގެ އިންސްޓަގްރާމްގައި ހިއްސާކުރި ވީޑިއޯއެއްގައި ފެންނަނީ އޭނާގެ ބައްޕަ އެމީހުންގެ ދިރިއުޅޭ އިމާރާތުގެ ކޮމްޕައުންޑު ތެރެއަށް ވަދެގެން އަންނަނިކޮށް ނޫސްވެރިންތަކެއް އޭނާގެ ފަހަތުން އައިސް ސުވާލުތައް ކުރިމަތި ކުރުވާ ތަނެވެ. އަދި އޭގެތެރެއިން ބައެއް މީހުން ރިއާގެ ބައްޕަގެ ގައިގައި އަތްލައި ހުއްޓުވަން އުޅޭ މަންޒަރުވެސް ފެނެއެވެ.

އެ ކުރު ވީޑިއޯ ހިއްސާކުރަމުން ރިއާ ބުނީ ވީޑިއޯއިން އެ ފެންނަނީ އޭނާގެ ބައްޕަ އިންދަރްޖީތު ޗަކްރަބަތީ ކަމަށެވެ. “އަހަންނާއި އަހަރެންގެ އާއިލާއިން މި މަސައްކަތް ކުރަނީ ގެއިން ނުކުމެ ސީބިއައި އާއި އޭޑީ ފަދަ ތަންތަނުގެ ތަހުގީގަށް އެއްބާރުލުން ދެވޭތޯ. އެކަމަކު އަހަރެމެންނަށް ވަނީ ނުރައްކަލާ ކުރިމަތިވެފަ”، ރިއާ ލިޔެފައިވެއެވެ.

މީގެ އިތުރުން ރިއާ ބުނީ އެކަމާ ގުޅިގެން މުމްބާއީގެ ފުލުހުންގެ ރައްކާތެރިކަމަށް އެދިފައިވާނެ ކަމަށާއި، ނަމަވެސް އެއްވެސް ޖަވާބެއް ނުލިބޭ ކަމަށެވެ. އަދި މައްސަލަ ތަހުގީގު ކުރާ ފަރާތްތަކުގެ ކިބައިން ވެސް، އެމީހުންނަށް އެތަންތަނަށް ދެވޭނެ ގޮތް ހަމަޖައްސައިދިނުމަށް އެދިފައިވާނެ ކަމަށް ބުންޏެވެ. “އެކަމަކު އެއްވެސް އެހީއެއް ނުލިބޭ”.

ރިއާ ވަނީ އޭނާގެ އިންސްޓަގްރާމް ޕޯސްޓުގައި ވެސް މުމްބާއި ޕޮލިސް ޓެގުކޮށް، އެހީތެރިކަން ފޯރުކޮށްދިނުމަށް އެދިފައެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ، ސުޝާންތުގެ މަރާ ގުޅިގެން ސުޝާންތުގެ އާއިލާއިން ރިއާގެ މައްޗަށް އެތައް ތުހުމަތެއް ކޮށް އެފްއައިއާރެއް ހުށަހަޅާފައިވާ ކަމެވެ. އަދި ސީބީއައި އިން މިހާރު އެ މައްސަލަ ތަހުގީގު ކުރަމުން އަންނައިރު، ކުރިން ނޭނގޭ އާ މައުލޫމާތުތަކެއް އަންނަނީ ފެންމަތިވަމުންނެވެ. އޭގެތެރޭގައި މަސްތުވާތަކެއްޗާ ގުޅޭ ކަންތައްތަކެއް ވެސް ހިމެނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!