މިއަދުގެ ކޮވިޑް ނަންބަރުތަކަށް ބަލާލާއިރު، އިތުރު 104 މީހަކު ޕޮޒިޓިވްވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ވޭތުވެދިޔަ 24 ގަޑިއުތެރޭ 104 މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
މިއަދުގެ އިރުއޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން ބުނީ ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 102 މީހުންނަކީ މާލޭ ސަރަހައްދުން ޖެހުނު މީހުން ކަމަށާ އަނެއް ދެ މީހުންނަކީ އަތޮޅުތެރޭގެ ރަށަކުން ޕޮޒިޓިވްވެފައިވާ މީހެއް ކަމަށެވެ.
އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭ 76 ދިވެހިން ހިމެނެއެވެ. ދެން ހިމެނެނީ ބަންގްލަދޭޝްގެ 22 މީހަކާއި އިންޑިއާގެ ފަސް މީހަކާއި ނޭޕަލް މީހެކެވެ.
އެއާއެކު މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 7329 އަށް ވަނީ އަރާފައެވެ.