ވީއައިއޭގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ނައިބު ރައީސް ބައްލަވާލައްވައިފި

ކޯވިޑް-19އާ ގުޅިގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް، ވީ.އައި.އޭގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ބައްލަވާލައްވައިފިއެވެ.

ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ މައި ވައިގެ ބަނދަރުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ. ވީ.އައި.އޭއަށް ނައިބު ރައީސް ފައިޞަލް ކުރެއްވި ޒިޔާރަތުގައި، އެއަރޕޯޓުގެ އެކި އެކި ފެސިލިޓީތަކުގައި އަޅާފައިވާ ފިޔަވަޅުތައް އެމަނިކުފާނު ވަނީ ބައްލަވާލައްވާފައެވެ. އަދި އެއަރޕޯޓުގެ އޮޕަރޭޝަންތައް ކުރިއަށްދާގޮތުގެ މަޢުލޫމާތު އެމަނިކުފާނު އޮޅުންފިލުއްވަވާފައިވެއެވެ. މި ޒިޔާރަތުގައި އެއަރޕޯޓުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ގުޅޭގޮތުން ނައިބު ރައީސްއަށް މަޢުލޫމާތުދެއްވާފައި ވަނީ އެމް.އޭ.ސީ.އެލްގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިން ޑިރެކްޓަރުކަމަށް ދާދިފަހުން އައްޔަންކޮށްފައިވާ ގޯޑަން އެންޑްރޫ ސްޓީވާޓެވެ.

ނައިބު ރައީސްގެ އަރިހުގައި ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މަޢުޞޫމާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްވެސް މި ޒިޔާރަތުގައި ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ކޯވިޑް-19އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެގޮތުން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައި އޮތުމަށްފަހު، އަލުން ބޯޑަރު ހުޅުވާލާފައިވަނީ މިދިޔަ ޖުލައިމަހުގެ 15 ވަނަ ދުވަހުއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!