ތާޖުއްދީން ސްކޫލްގައި އޮބްޒްވޭޝަން ފެސިލިޓީ ތައްޔާރު ކުރުމަށް އެސްޓީއޯއިން 19 އެނދު ގާއިމް ކޮށްފި

ކޮވިޑް ޖެހޭ މީހުންގެ ތެރެއިން ސީރިއަސް ނޫން ފަރުވާތައް ދިނުމަށް ތާޖުއްދީން ސްކޫލު ތައްޔާރުކުރުމުގެ މަސައްކަތް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ފަށައިފި އެވެ.

އެސްޓީއޯއިން ބުނީ ތާޖުއްދީން ސްކޫލްގައި ކޮވިޑް-19 އޮބަޒަވޭޝަން ފެސިލިޓީއެއް ގާއިމް ކުރަން ނިންމައިފައި ވާތީ ބެޑް ކެޕޭސިޓީ އިތުރު ކުރުމަށް 19 އެންދު ތައްޔާރު ކުރަމުން ދާ ކަމަށެވެ.

އެސްޓީއޯއިން އޮބްޒަވޭޝަން ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް އެނދު ގާއިމް ކުރަމުން ދާއިރު، ރޭ ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޓެގް ޓީމުގެ ފަރާތުން ބައިވެރިވެވަޑައިގެން ޑރ. އަހްމަދު ޝަހީދް ވަނީ ތާޖުއްދީން ސްކޫލާއި ހިރިޔާ ސްކޫލްގައި ކޮވިޑް-19 އޮބަޒަވޭޝަން ފެސިލިޓީއެއް ގާއިމް ކުރަން ނިންމައިފައިވާކަން އިއުލާން ކުރައްވާފައެވެ.

ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދުތައް އިންތިހާއަށް އިތުރުވަމުން އަންނައިރު މިހާރު ހޮސްޕިޓަލުގައި ފަރުވާދޭ މީހުންގެ އަދަދު އުޅެނީ 162 ގަ އެވެ. އެއީ ރާއްޖޭގައި މިވަގަތުހުރި ބެޑް ކެޕޭސިޓީގެ 62 އިންްސަތަ އެވެ. 

އެހެންވެ ބެޑް ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު އެޗްއީއޯސީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ގައި ހިމެނިވަޑައިގަންނަވާ ސީނިއާ ޑރ. އަލީ ލަތީފް ވަނީ ފަރުވާދޭން ޖެހޭ މީހުންގެ އަދަދު އިތުރުވާނަމަ ސްކޫލުތައް ވެސް ނަގާނެ ކަމަށް ވިދާޅުވެފަ އެވެ. ނޫންނަމަ ހުޅުމާލޭ ފެސިލިޓީގައި އެނދު ކައިރި ކައިރީގައި ޖަަހަން ޖެހިދާނެ ކަމަށާއި މެނޭޖް ނުކުރެވޭ ހާލަތެއް ނުވަތަ ބެޑް ކެޕޭސިޓީއަށް ވުރެ ގިނައިން މީހުން ބަލިވެއްޖެނަމަ ޕްރަވެޓް ހޮސްޕިޓަލުތަކަށް ވެސް ވާހަކަ ދައްކާ އެތަންތަން ހޯދުމަށް މަސައްކަތްކުރާނެ ކަމަށް ވެސް ޑރ. އަލީ ވިދާޅުވި އެވެ. 

ޑރ. އަލީ ލަތީފް ވިދާޅުވީ މިހާތަނަށް ކޮވިޑްގެ ޕޮޒިޓިވް ކޭސްއެއް އައިޖީއެމްއެޗުގައި އެޑްމިޓް ނުކުރާ ކަމަށާއި އެކަމަކު އެހާލަތަށް ހިނގައްޖެނަމަ އެގޮތަށް ވެސް އެކަން ކުރަން ޖެހޭނެ ކަމަށެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!