އިންޑިއާއިން އަނެއްކާ ވެސް ރެކޯޑް އަދަދަކަށް މީހުން ޕޮޒިޓިވްވެއްޖެ

އިންޑިއާގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުން އަންނަ އިރު ބުދަ ދުވަހަކީ އެ ގައުމުގައި އެންމެ ގިނަ އަދަދަކަށް އެއްދުވަހާ މީހުން ޕޮޒިޓިވްވި ދުވަސް ކަމަށް އެ ގައުމުގެ ހެލްތް މިނިސްޓްރީން ހާމަކޮށްފިއެވެ.

އިންޑިއާގެ ހެލްތް މިނިސްޓްރީން ބުރާސްފަތި ދުވަހު އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ބުދަ ދުވަހު އެކަނި 75،000ށް ވުރެ ގިނަ މީހުން ވަނީ ކޮވިޑް-19ށް ޕޮޒިޓިވްވެފައެވެ. މިއީ އެއްދުވަހާ އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަސް ކަމަށް އިންޑިއާގެ ހެލްތް މިނިސްޓްރީން ހާމަކޮށްފައިވީ ނަމަވެސް މި އަދަދު މިއަށްވުރެ އިތުރުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

އިންޑިއާގެ ހެލްތް މިނިސްޓްރީން ބުނެފައިވަނީ ބަލިމަޑުކަން ފެތުރެން ފެށިފަހުން މިއީ މިހާތަނަށް އެއްދުވަހާ އެންމެ ގިނަ އަދަދަދަކަށް މީހުން ޕޮޒިޓިވްވި ދުވަސް ކަމަށެވެ. މިއާއެކު އެ ގައުމުގައި ޕޮޒިޓިވްވި މީހުންގެ އަދަދު ވަނި 3.31 މިލިއަނަށް އަރާފައެވެ. ނަމަވެސް މީގެ ތެރެއިން 2.5 މިލިއަން މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މިވަގުތު ބައްޔަށް ފަރުވާ ހޯދަމުން ދަނީ 725،000 މީހުންނެވެ.

އިންޑިއާގައި މިހާރު އަމަލު ކުރަމުން އަންނަ ގޮތުން ބަލިން ރަނގަޅުވާ ހުރިހާ އެންމެން ބައްޔަށް އަލުން ޓެސްޓް ކުރަން ނުޖެހެއެވެ. އަދި ބަލި ޖެހޭ މީހުންގެ ތެރެއިން ކުޑަކޮށް އަލާމާތްތައް ހުންނަ ފަރާތްތަކާއި، މެދު މިނެއްގައި އަލާމާތްތައް ހުންނަ ފަރާތްތައް 10 ދުވަސް ވާއިރު އަލާމާތްތައް ބޮޑުކޮށް ނެތްނަމަ ދޫކޮށްލާ އިރު ޓެސްޓް ނުކުރާ ގޮތަށް ވަނީ ނިންމާފައެވެ. ނަމަވެސް ބަލީ ހަލަތު ބޮޑުވާ މީހުން ރަނގަޅުވުމަށްފަހު ދޫކޮށްލާ އިރު ޓެސްޓް ކުރުމަށް ވަނީ ނިންމާފައެވެ.

އިންޑިއާގައި މިހާތަނަށް 60،472 މީހަކު ވަނީ ބަލީގައި މަރުވެފައެވެ. ބުދަ ދުވަހު އެކަނި ވެސް 1090 މީހަކު ވަނީ މަރުވެފައެވެ. އަދި އަންގާރަ ދުވަހު ވެސް ހާހަކަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

އިންޑިއާގެ އެކި ސްޓޭޓް ތަކުގައި ކޮވިޑްގެ ކޭސްތައް އިތުރުވަމުން އަންނަ އިރު ހުޅަނދު ބެންގާލުގައި އިއުލާން ކޮށްފައިވާ ލޮކްޑައުންގެ މުއްދަތު ވަނީ އިތުރުކޮށްފައެވެ. އަދި ލޮކްޑައުންގެ މުއްދަތު ހަމަވާނީ ސެޕްޓެމްބަރ މަހުގެ 20 ވަނަ ދުވަހުއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!