ގާނޫނަށް އަމަލު ކުރަން ފެށުމާއެކު ގޭބީސީތަކަށް ފެނާއި ނަރުދަމާގެ ކަނެކްޝަނަށް އެއްވެސް އަގެއް ނުނަގާނެ: ފެނަކަ

ފެނާއި ނަރުދަމާގެ ގާނޫނަށް އަމަލު ކުރަން ފެށުމާއެކު، މީހުން ދިރިއުޅުމަށްޓަކައި ގެދޮރު އެޅުމަށް ދޫކުރާ ތަންތަނުގައި ފުރަމަތަ ފަހަރު ފެނާއި ނަރުދަމާގެ ހޮޅި ގުޅައި ދިނުމުގައި އެއްވެސް އަގެއް ނުނަގަން ފެނަކަ ކޯޕަރޭޝަނުން ނިންމައިފިއެވެ.

ބުރާސްފަތި ދުވަހު ފެނަކަ ކޯޕަރޭޝަނުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ފެނާއި ނަރުދަމާގެ ގާނޫނުގެ 29 ވަނަ މާއްދާގެ (ކ)ގައި ދިރިއުޅުމަށްޓަކައި ގެދޮރު އެޅުމަށް ދޫކުރާ ތަންތަނުގައި ފުރަތަމަ ފަހަރު ފެނާއި ނަރުދަމާގެ ހޮޅި ގުޅައިދޭން ވާނީ އަގު ނެގުމަކާއި ނުލައި ކަމަށް ބުނެފައިވާ ކަމަށެވެ. އެހެންކަމުން، މި އޮގަސްޓް މަހުގެ 5 ދުވަހުން ފެށިގެން، މީހުން ދިރިއުޅޭ ތަންތަނުގެ ތެރެއިން، ފެނާއި ނަރުދަމާގެ ކަނެކްޝަން ދެވިފައިނުވާ ތަންތަނަށް ފުރަތަމަ ކަނެކްޝަން ދިނުމުގައި އެއްވެސް އަގެއް ނުނަގާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފައި ވެއެވެ.

ގާނޫނު ނަމްބަރު، 8/2020 (ފެނާއި ނަރުދަމާގެ ގާނޫނު) ތަސްދީގު ކުރައްވައި ދިވެހި ސަރުކަރުގެ ގެޒެޓްގައި ޝާއިއު ކޮށްފައިވަނީ މި އޮގަސްޓް މަހުގެ 5 ވަނަ ދުވަހު އެވެ. އަދި މިދުވަހުން ފެށިގެން މި ގާނޫނަށް ދަނީ އަމަލު ކުރަމުންނެވެ.

ފެނާއި ނަރުދަމާގެ ގާނޫނަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުން މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، ފާސްކޮށްފައިވާ ގާނޫނެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!