ހޯރަފުށި އެއަރޕޯޓުގެ ޓަރމިނަލް އަދި ފަޔަރ ބިލްޑިންގް އިމާރާތްކުރަން އެމްޓީސީސީ އަށް

‏ހއ. ހޯރަފުށި އެއަރޕޯޓުގެ ޕެސެންޖަރ ޓަރމިނަލް އަދި ފަޔަރ ބިލްޑިންގް އިމާރާތްކުރުމުގެ ޕްރޮޖެކްޓު އެމްޓީސީސީއާ ހަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއް މިހާރު އެކަމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކޮށްފައި ވަނީ، ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކޮށްފައި ވަނީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް އެވެ.

ޓްރާންސްޕޯޓު މިނިސްޓްރީގެ ފަރާތުން މި ޕްރޮޖެކްޓު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 16،131،042.02 ރުފިޔާ އަށެވެ. މި މަޝްރޫޢު އަކީ 80 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

ހޯރަފުށި އެއާޕޯޓްގެ މަސައްކަތް ވެސް ކުރަމުން އަންނަނީ އެމްޓީސީސީންނެވެ. އެގޮތުން ހޯރަފުށީގެ ފަޅުން ބައެއް ހިއްކައިގެން އަޅާ މި އެއާޕޯޓުގެ 80 ޕަސެންޓް މަސައްކަތް ނިމިފައިވާއިރު، މިހާރު ކުރިއަށް ދަނީ ރަންވޭގައި ތާރު އެޅުމުގެ މަސައްކަތްތަކެވެ.

މި އެއާޕޯޓުގެ މަސައްކަތް އަންނަ އޮކްޓޫބަރު މަހުގެ ނިޔަލަށް ނިންމުމަށް އެމްޓީސީސީން އަންނަނީ ކުރަމުންނެވެ. ހޯރަފުށީ އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއަކާއި 8،635 ސްކޮއާ މީޓަރުގެ އޭޕްރަން އަކާއި ޓެކްސީވޭއެއް އޮންނާނެއެވެ. އެއާޕޯޓް ތަރައްގީ ކުރުމަށްޓަކައި 842،200 ކިއުބިކް މީޓަރުގެ ބިން ވަނީ ހިއްކައިފައެވެ. މި މަސައްކަތަށް އެކަނި ވެސް 67 މިލިއަން ރުފިޔާ ހޭދަކުރިއެވެ. އަދި ހިއްކި ސަރަހައްދުގައި 1120 މީޓަރުގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވެސް މި އަހަރުގެ މާޗް މަހު ވަނީ ނިންމާލައިފައެވެ.

ޖުމްލަ 198 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ 2019 ވަނަ އަހަރުގެ މާޗް މަހުގެ 25 ގައެވެ. އަދި އެ މަސައްކަތް މިދިޔަ އަހަރު ފައްޓަވައި ދެއްވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!