މާލެ ސަރަހައްދުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ފުލުހުން ގުޅިގެން ކުރިއަށްގެންދާ އިންސްޕެކްޝަނުގައި މިހާތަނަށް 11 ތަނެއް ބަންދުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ އެޗްޕީއޭގެ ގައިޑްލައިންތައް ތަންފީޒް ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގާ މާސް އިންސްޕެކްޝަންގައި މިހާތަނަށް 343 ތަނެއް އިންސްޕެކްޓް ކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި 236 ފިހާރައަކާއި ކެއުމުގެ ހިދުމަތްދޭ 90 ތަނަކާއި 15 ސެލޫން އަދި ޖިމަކާއި މާރުކޭޓެއް ހިމެނޭ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން އާންމުކޮށްފައިވާ ވީޑިއޯ އެއްގައި ބުނެފައިވަނީ އިންސްޕެކްޝަން ޓީމްތަކުގައި ފުލުހުންވެސް ހަރަކާތްތެރިވަމުންދާކަމަށާއި، ޚިދުމަތްދޭ ތަންތަން ގައިޑްލައިންތަކަށް ފެތޭތޯ ބަލަމުންދާކަމަށެވެ. މީގެ އިތުރުން އިންސްޕެކްޓް ކުރި ތަންތަނުގެ ތެރެއިން 11 ތަނެއް ބަންދުކޮށްފައިވާކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ. ބަންދު ކޮށްފައިވަނީ ކޮންތަންތަނެއް ކަމެއް ފުލުހުން ހާމަކުރައްވާފައެއް ނުވެއެވެ.