ކޯވިޑް-19ގެ ހާލަތު ރަނގަޅުވެއްޖެ ނަމަ މިއަހަރު ރާއްޖެ އަންނާނެ ފަތުރުވެރިންގެ އަދަދު އިތުރުވާނެ

ކޮވިޑް ޖެހޭ މީހުންގެ އަދަދުތައް ދަށް ކުރެވިއްޖެނަމަ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ރޭ ރާއްޖެ ޓީވީގެ ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މައުސޫމު ވިދާޅުވީ ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި ގައުމެއްކަމުގެ މެސެޖު ދޭން ޖެހޭ ކަމަށާއި މިކަން ކުރެވެން އޮތީ ރާއްޖެއިން ކޮވިޑު ޖެހޭ މީހުންގެ އަދަދު މަދުކުރެވިގެން ކަމަށެވެ.

ތިން މަސް ދުވަހަށް ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހު ހުޅުވި ފަހުން އެކި ގައުމުތަކުން ދަނީ ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކުރަމުންނެވެ. އެކަމަކު ކޮވިޑާއި ގުޅިގެން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ނިސްބަތް ވަރަށް ދަށެވެ. 

މިހާރުގެ ހާލަތަށް ބެލުމަށްފަހު މިއަހަރުގެ ބާކީ އޮތް ދުވަސްތަކުގައި އަންނާނެކަމަށް އަންދާޒާ ކުރެވޭނީ 1 ލައްކަ 20 ހާސް ފަތުރުވެރިންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިހާރު ގެ ހާލަތު ރަނގަލުވެއްޖެނަމަ ފަސްލައްކައެއްހާ ފަތުރުވެރިން އަންނާނެކަމަށާއި ބެޑް ނައިޓްސް އުޅޭނީ މިދިޔަ އަހަރުގެ 50 އިންސައްތައާ ހަމައިގައިކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މީގެ ކުރިން ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ މުއްދަތު މަދު ނަމަވެސް މިހާރު ރާއްޖޭގައި ހޭދަކުރާ ދުވަސްތައް އިތުރުކަމަށާއި މުސްތަޤުބަލުގައިވެސް ފަތުރުވެރިން ރާއްޖޭގައި ހޭދަ ކުރާ ދުވަސްތައް އިތުރުވާނެކަމަށް އުއްމީދު ކުރައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެކަމުގެ ސަބަބުން ރިޒޯޓްތަކަށާއި، ސަފާރީތަކަށް އަދި ގެސްޓްހައުސްތަކުގެ އިތުރަށް ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުން ހުރި އެހެނިހެން ދާއިރާތަކަށް ފައިދާވާނެކަމަށްވެސް ޓުއަރިޒމް މިނިސްޓަރ ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!