ދުބާއީގެ އެގްޒެކިއުޓާ ޖެނެރަލް ޓްރޭޑިންއާ ހަވާލުކޮށްގެން ގެންނަން މަސައްކަތްކުރާ ވެންޓިލޭޓަރުތައް ނުލިބިއްޖެނަމަ އެ ކުންފުންޏަށް ދެއްކި ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް ކުރާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
އަމީރު އެހެން ވިދާޅުވެފައިވަނީ ކޮވިޑް-19އާ ގުޅިގެން މިނިސްޓްރީ އޮފް ހެލްތްއިން ކުރި ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފިނޭންސްގެ ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން މިހާރު ކުރިއަށްދާ ބައްދަލުވުމުގެ ތެރެއިންނެވެ.
ވެންޓިލޭޓަރުތައް ގެންނަން ހަވާލުކުރީ ދުބާއީގެ އެގްޒެކިއުޓަރ ޓްރޭޑިންއާ ކަމަށްވާއިރު، އެ ކުންފުނިން ރާއްޖެ ފޮނުވާފައިވަނީ 11 ވެންޓިލޭޓަރެވެ. ނަމަވެސް ފޮނުވި ވެންޓިލޭޓަރުތަކަކީ ފެންވަރު ދަށް، ހެލްތު މިނިސްޓްރީން ކަނޑައެޅި ޝަރުތުތަކަށް ނުފެތޭ ވެންޓިލޭޓަރުތަކެކެވެ.
އަމީރު ވިދާޅުވީ މިވަގުތު ދެކެވެމުންދާ 75 ވެންޓިލޭޓަރުގެ ކޮންޓްރެކްޓަކީ މިވަގުތު ވެސް ހިނގަމުންދާ ކޮންޓްރެކްޓެއް ކަމަށް ގަބޫލުކުރާ ކަމަށާއި މައްސަލަތަކެއް ފެންމަތިވެފައިވީ ނަމަވެސް ހެލްތު މިނިސްޓްރީން މިހާރުވެސް އެ ތަކެތި ލިބޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ނަމަވެސް މި ތަކެތި ނުލިބިއްޖެނަމަ އަނބުރާ ފައިސާ ހޯދުމުގެ މަސައްކަތް ކުރައްވާނެ ކަމަށްވެސް އަމީރު ވިދާޅުވިއެވެ.
އަދި ވެންޓިލޭޓަރުގެ ކޭސްގައި ފިނޭންސް މިނިސްޓްރީން ކަންތައްކޮށްފައިވާނީ މާލިއްޔަތު ގަވާއިދަށް ރިއާޔަތްކޮށް، ހާލަތަށް ބަލައި، ކުރަންޖެހޭ ހަރަދުކޮށްގެން ދައުލަތަށް ސިއްހީ ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ ތަކެތި ހޯދުމަށް މަގުފަހި ކުރުމުގެ ގޮތުން ކަމަށްވެސް އަމީރު ވިދާޅުވިއެވެ.
އޭގެއިތުރުން ފިނޭންސުން މަސައްކަތްކޮށްފައިވާނީ ގާނޫނާއި ގަވާއިދުގެ ތެރެއިން ވީއެންމެ އަވަހަކަށް، ވީ އެންމެ ރަނގަޅު ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކަމަށްވެސް އަމީރު ވިދާޅުވިއެވެ.