ބޮޑެތި ހަރަދުތަކެއް ޓޫރިޒަމް މިނިސްޓްރީން ކޮށްފައިވާ ކަމަށްޓޫރިޒަމް މިނިސްޓްރީގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުން ހާމަވުމާއި ގުޅިގެން ފިޔަވަޅު އަޅަން ފަށައިފިކަމަށް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19 އާއި ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ކުރި ހަރަދުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ މިނިސްޓްރީގެ މެންޑޭޓާ ނުގުޅޭ ބޮޑެތި ހަރަދުތަކެއް ކޮށްފައިވާ ކަމަށެވެ. އަދި ޓްރަސްޓް ފަންޑުން ކޮވިޑް-19 އާ ގުޅޭ ކަންކަމަށް ހަަރަދު ކުރަން ބަޖެޓެއް ކަނޑައެޅުމުގެ ކުރިން މުއާމަލާތްތައް ވެސް ހިންގާފައިވާ ކަމަށެވެ.
އެގޮތުން ވަކިވަކި ކަންކަމަށް ހަރަދު ކުރާނެ ފައިސާ އަދަދު ކޮމެޓީން ފާސް ކޮށްފައި ނުވާ ކަމަށް ބުނެފައި ވެއެވެ. ކޮވިޑްގެ ތެރޭގައި އެ މިނިސްޓްރީން އެކި ކަންކަމަށް 26،212،727 ރުފިޔާ ހަރަދު ކޮށްފައި ވެއެވެ.
ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ޓޫރިޒަމް މިނިސްޓަރު މައުސޫމް ވާހަކަ ދައްކަވަމުން ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީގެ އޮޑިޓް ރިޕޯޓާއި ގުޅިގެން ފިޔަވަޅު އަޅަން ފަށާފައިވާ ކަމަށެވެ.
މައުސޫމް ވިދާޅުވީ، އޮޑިޓް ރިޕޯޓާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަންގާފައިވާ އެންގުންތަކާއި އެއްގޮތަށް ފިޔަވަޅުތައް އަޅުއްވާނެ ކަމަށާއި އޮޑިޓް ރިޕޯޓްގައި ރަނގަޅު ކުރަން އަންގާފައިވާ ކަންކަން ރަނގަޅު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
ޓޫރިޒްމް މިނިސްޓްރީ އަކީ މުސްތަގްބަލުގައި ސާފު މިނިސްޓްރީ އަކަށް ހަދައި މީހުން އިތުބާރު ކުރާ މިނިސްޓްރީއަކަށް ހަދަން ބޭނުންވާ ކަމަށާއި އެހެންކަމުން މިހާރުވެސް އޮޑިޓް ރިޕޯޓާއި ގުޅިގެންވެސް ފިޔަވަޅުތައް އަޅަމުން ގެންދާ ކަމަށް ވިދާޅުވިއެވެ.