އިންޑިއާ ސަރުކާރުގެ “ލައިން އޮފް ކްރެޑިޓް”ގެ ދަށުން 34 ރަށުގެ ފެނާއި ނަރުދަމާ ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް އަންނަ ނޮވެމްބަރުމަހު ފަށާނެކަމަށް އިންޑިއާ ހައިކޮމިޝަނުން ބުނެފިއެވެ.
އިންޑިއާ ހައިކޮމިޝަނުން ބުނީ އިންޑިއާގެ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ދަށުން 34 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ކުރުމަށް ކުރިއަށް ގެންދާ މަޝްރޫއުތަކަށް ގާތްގަޑަކަށް 80 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށެވެ. އަދި މި މަޝްރޫއުތައް މި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ފެށޭނެ ކަމަށް ހައިކޮމިޝަނުން ލަފާކުރެއެވެ.
މިއީ ދިވެހި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ މަޝްރޫއެއް ކަމަށް ފާހަގަކޮށް ހައިކޮމިޝަނުން ވަނީ މި މަޝްރޫއުތަކަކީ ސަރުކާރުގެ ލާމަރުކަޒީ ނިޒާމު ގާއިމްކުރުމުގެ ސިޔާސަތަށްވެސް އެއްބާރުލުންދޭ މަޝްރޫއުތަކެއް ކަމަށް ބުނެފައެވެ.
މި މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ކުރިއަށްގެންދިއުމަށް ކޮންޓްރެކްޓަރުން ހޯދުމަށް މިހާރު ބިޑަށް ހުޅުވާލާފައިވާކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. “ލައިން އޮފް ކްރެޑިޓް”ގެ ދަށުން ހިންގާ މަޝްރޫޢުތަށް ކުރިއަށްގެންދާނި އިންޑިއާގެ ކުންފުނިތަކާއި ދެވެހި ކުންފުނިތަކަށްވެސް ބައިވެރިވެވޭގޮތަށެވެ.
އިންޑިއާ ހައިކޮމިޝަނުން ބުނީ، މި މަޝްރޫޢުތައް ބިޑަށް ހުޅުވާލުމާ ގުޅޭ ހުރިހައި ކަރުދާސްތައް ތައްޔާރުކުރަމުންދަނީ ދިވެހި ސަރުކާރާއެކު މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއާ ގުޅިގެންކަމަށެވެ. އަދި ބިޑާ ގުޅޭ މަޢުލޫމާތުތަށް އިންޑިއާގެ އެގްޒިމް ބޭންކްގެ ވެބްސައިޓުން މިހާރު ލިބެން ހުންނާނެކަމަށްވެސް އިންޑިއާ ހައިކޮމިޝަނުން ވަނީ ބުނެފައެވެ.