ރ. މަޑުއްވަރީ ދެކުނު ބަނދަރު ތަރައްގީ ކުރުމުގެ 29 ޕަސެންޓް މަސައްކަތް ނިމިއްޖެ އެވެ.
އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ތެރެއިން ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 95 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށާއި މި މަޝްރޫޢުގެ ތެރެއިން ބޭރުތޮށި ލުމަށް ބޭނުންވާ ބޮޑު ހިލަ މިދިޔަ އަންގާރަ ދުވަހު އެ ރަށަށް ގެންގޮސްފައިވާ ކަމަށެވެ.
އެކުންފުނިން ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން 72،800 ކިއުބިކް މީޓަރު ސަރަހައްދެއްގެ ބަނދަރު ފުން ކުރުމާއި، 566 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށިލުމާއި، 135 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖަހައި، 2،825 ސްކުއެއާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި އަދި ނެރު ބައްތި ޖަހައި ރޭމްޕެއް ހެދުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ.
މަޑުއްވަރީ ދެކުނު ބަނދަރު މަޝްރޫއަށް 68.66 މިލިޔަން ރުފިޔާ ހަރަދު ވާނެ ކަމަށް ވަނީ ލަފާ ކޮށްފަ އެވެ.
މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ 29 ނޮވެމްބަރު 2019ގަ އެވެ.