ހަންގަނޑު ރީތިކުރުމަށް ރަކޫލް ޕްރީތު މި ބުނާ ފޭސް މާސްކު އުނގުޅަބަލަ!

ކޮވިޑް-19 ގެ ސަބަބުން ގޭގައި ބަންދުވެގެން ތިބެގެން ގިނަ ތަރިން އަންނަނީ އެމީހުންގެ ރީތި ކަމުގެ ސިއްރުތައް ވެސް އެއްވެސް ހާސްކަމެއް ނެތި ފޭނުންނާ ހިއްސާކުރަމުންނެވެ. އެގޮތުން މިފަހަރު ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވަނީ ތެލުގޫ އަދި ޓަމީލް ފިލްމު އިންޑަސްޓްރީ އިން ނުކުމެގެން އައިސް ބޮލީވުޑަށް ތައާރަފްވި ހުނަރުވެރި އެކްޓްރެސް ރަކޫލް ޕްރީތު ސިންގުގެ މޫނުގައި އުނގުޅާ ފޭސް މާސްކަށެވެ.

29 އަހަރުގެ ބަތަލާ އޭނާގެ ޔޫޓިއުބު ޗެނަލުގައި ހިއްސާކުރި ފޭސް މާސްކަކަކީ ދޮންކެޔޮ ބޭނުންކޮށްގެން ތައްޔާރުކޮށްލެވޭ ވަރަށް ފަސޭހަ އެއްޗެކެވެ. އަދި މިއަށް ބޭނުންވާ ތަކެތި ވެސް ވަރަށް ފަސޭހައިން ބަދިގެއިން ހޯދައިލެވޭނެއެވެ.

ބޭނުންވާ ތަކެތި:

-ދޮންކެޔޮ

-ލުނބޯ

-މާމުއި

ތައްޔާރު ކުރާނެ ގޮތް:

ރަކޫލް ކިޔައިދިން ގޮތުގައި ފުރަތަމަ އެއް ދޮންކެޔޮ ވަކެއް ބޯތަށްޓަކަށް ޗަސް ކޮށްލުމަށްފަހު އޭގެތެރެއަށް ލުނބޮލެއްގެ އެއްފަޅި ފިތައިލާނީއެވެ. ދެން އޭގެތެރެއަށް ކުޑަ މާމުއިކޮޅެއް އަޅައިލުމަށްފަހު ތިނެތި އެއްކޮށްލާނީއެވެ. އޭރުން ހުންނާނީ މޫނުގައި އުނގުޅަން ތައްޔާރަށެވެ.

ފައިދާ:

މާމުޔަކީ ސިއްހަތުގެ އިތުރުން ހަންގަނޑަށް ވެސް އެހާމެ ފައިދާހުރި އެއްޗެއްކަން އެންމެން ދަންނާނެއެވެ. އެއީ އޭގައި އެކުލެވޭ އެންޓި-ފްލެމޭޓަރީ އާއި އެންޓި-ބެކްޓީރިއަލް މާއްދާތަކުގެ ސަބަބުންނެވެ. އަދި މި ފޭސް މާސްކުގެ އެންމެ މުހިއްމު ބާވަތް ކަމަށްވާ ދޮންކޭލަކީ ޕޮޓޭސިއަމުން މުއްސަނދިވެފައި ވާ މޭވާއެއް ކަމުން، މޫނުގެ ހަންގަނޑުގައި ހުންނަ ކަޅު ލައްތައް ފިލުވައިލުމަށް އެހީވެދެއެވެ. ލުނބޮލަކީ ވެސް ހަންގަނޑު އަލިކޮށްދިނުމަށް އެހީވެދޭ އެއްޗެކެވެ. ރަކޫލް ބުނާ ގޮތުގައި މޫނުގެ ހަންގަނޑު ހިކިފައި ހުންނަނަމަ (ޑްރައި ސްކިން) މިއީ އުނގުޅަން އެންމެ ރަނގަޅު ފޭސް މާސްކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!