ދަންވަރު ބަނޑުހައި ވޭތަ؟ މި އެއްޗެހި ކެޔަސް ފަލައެއް ނުވާނެ!

ރޭގަނޑުގެ ކެއުން ނިންމައިލުމަށްފަހު، ނިދަން އޮށޯތުމާ ދެމެދު ބަނޑުހައި ވެގެން އުޅުމަކީ ވަރަށް ގިނަ މީހުންނަށް ދިމާވާ ކަމެކެވެ. އަދި ޙާއްސަކޮށް ދަންވަރު ވަންދެން ހޭލައި ހުންނަ ނަމަ، އެގަޑީގައި ކޮންމެވެސް އެއްޗެއް ކައިލަން ބޭނުންވާނެއެވެ. ނަމަވެސް އެއާ އެއްވަރަށް ފަލަ ވެދާނެ ކަމުގެ ބިރުވެސް އޮވެއެވެ. އެހެންކަމުން މިފަހަރު މި ކިޔައިދެނީ، ނިދަން އޮށޯތުމުގެ ކުރިން ކައިލަން ރަނގަޅު ބައެއް އެއްޗިއްސެވެ.

1. ދޮންކެޔޮ

ދޮންކޭލަކީ ކާއެއްޗެހި ހަޖަމުކުރުން އަވަސްކޮށްދޭ މޭވާއެކެވެ. ނަތީޖާއެއްގެ ގޮތުން، ބަރުދަން ލުއިކުރުމަށް ވެސް ދޮންކެޔޮ އެހީވެދެއެވެ. ނިދަން އޮށޯތުމުގެ ކުރިން ދޮންކެޔޮ ކެޔަސް ފަލައެއް ނުވާނެއެވެ.

2. ކިއުކަމްބާ

ކިއުކަމްބާ އަކީ ހުހާ ކައިލަން ވަރަށް މީރު ތަރުކާރީ އެކެވެ. ނިދަން ދިޔުމުގެ ކުރިން ލުއި ކާނާއެއްގެ (ސްނެކް) ގޮތުގައި ކިއުކަމްބާ ކެއުން ރަނގަޅު ވާނެއެވެ. ކިއުކްމަބާ އަކީ ބަރުދަން ލުއިކުރަން އެހީވެދޭ އެއްޗެކެވެ.

3. ކޮޓޭޖް ޗީޒް

ޗީޒު ކާން ވަރު ހުންނަ މީހުންނަށް މިއޮތީ އުފާވެރި ޙަބަރެކެވެ. ކޮޓޭޖް ޗީޒަކީ ކެލޮރީ މަދު، ލޯ-ފެޓް އެއްޗެކެވެ. އެހެންކަމުން ނިދަން ދިޔުމުގެ ކުރިން ބަނޑުހައިކަން ފިލުވައިލުމަށް ކޮޓޭޖް ޗީޒް ކެވިދާނެއެވެ. އަނެއްކޮޅުން މިއީ ހަށިގަނޑަށް ބޭނުންވާ ވަރަށް ޕްރޮޓީން ވެސް ފޯރުކޮށްދޭ އެއްޗެކެވެ.

4. އާމަންޑް

އާމަންޑްގެ ސަބަބުން ނިދާފައި އޮންނަ އިރު ސަރުބީތައް ވިރުވައިލުމަށް އެހީވެދޭ ހޯމޯންސް ދޫކޮށްދެއެވެ. އަދި މިއީ ގައިގައި ވަރުޖައްސައިދޭ ލުއިކާނާއެއް ވެސް މެއެވެ. އެހެންކަމުން ނިދަން އޮށޯތުމުގެ ކުރިން ކާން އެންމެ ރަނގަޅު އެކައްޗަކީ އާމަންޑެވެ.

5. ޔޯގަޓް

ހަޖަމުގެ ނިޒާމަށް ކުރިމަތިވާ މައްސަލަތަކުން ސަލާމަތްކޮށްދޭ ޔޯގަޓަކީ ނިދަން ދިޔުމުގެ ކުރިން ނުވަތަ ރޭގަނޑުގެ ކެއުމަށްފަހު ފޮނި އެއްޗެއް (ޑިޒާޓެއް) ގެ ގޮތުގައި ވެސް ކާން ރަނގަޅު އެއްޗެކެވެ. ނަމަވެސް ހަކުރު ނުހިމެނޭ ޔޯގަޓެއް ހިޔާރުކުރަން ސަމާލުކަން ދެއްޗެވެ. އަދި ޔޯގަޓުގެ ތެރެއަށް ތަފާތު މޭވާ އަޅައިގެން ވެސް ކެވިދާނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!