ކަންގަނާ ރަނާއުތް އަކީ އެކްޓަރު ސުޝާންތް ސިންގް ގެ މަރާއިއެކު ބޮލީވުޑްގައި ހިނގާ ނޭދެވޭ ކަންތައްތަކުގެ ވާހަކަ ފަޅާއަރުވަމުން އެމަރަށް އިންސާފު ހޯދައިދިނުމަށް ގޮވަމުންދާ އެންމެ މަގްބޫލް ތަރިއެވެ.
މީގެ ކުރިން ކަންގަނާ ވަނީ ބޮލީވުޑުގައި ކުރިއަރަިގެން ދިއުމަށް ކުރަންޖެހޭ އެކި އެކި ނޭދެވޭ ކަންތައްތަކުގެ ވާހަކަ ދައްކާފައެވެ. އަދި ބޮލީވުޑްގެ ތެރޭގައި އޮންނަ ނެޕޮޓިޒަމްގެ ވާހަކަތައް ފެށިފައިމިވަނީ ކަންގަނާގެ ސަބަބުންނޭ ބުނުމަކުން ގޯހެއް ނުވާނެއެވެ.
ސުޝާންތުގެ މަރުގެ ތަހުގީގުގައި އޭނާގެ ލޯބިވެރިޔާ ރިއާ ޗަކްރަބޯޓީގެ ޗެޓްލޮގު ތަކުން ހާމަވެގެންގޮސްފައިވަނީ ރިއާ މަސްތުވާތަކެތި ގަނެވިއްކުމުގައި ޝާމިލްވެފައިވާ ކަމެވެ. އެ ޗެޓުލޮގު ތަކުން އެނގުނު ގޮތުގައި ރިއާ ވަނީ ސުޝާންތުއަށް ނޭނގި އޭނާއަށް ޑްރަގް ދީފައެވެ.
މިކަމާއި ގުޅިގެން ކަންގަނާ ބުނީ ބޮލީވުޑްގެ ގިނަ އޭ ލިސްޓު ތަރިންނަކީ ޑްރަގަް ބޭނުން ކުރާ މީހުން ކަމަށާއި، ނާކޮޓިކްސް ބިއުރޯއިން އިތުރު މައުލޫމާތު ބޭނުންވާނަމަ އެ މައުލޫމާތުވެސް ދޭން އޭނާ ތައްޔާރަށް ހުރި ކަމަށެވެ.
ނަމަވެސް ކަންގަނާ ބުނީ މިކަމުގައި އޭނާގެ ރައްކާތެރިކަމަށްޓަކައި ސަރުކާރުގެ ރައްކާތެރިކަން ބޭނުންވާ ކަމަށެވެ. ކަންގަނާ ބުނީ މިކަމުގައި ނުރައްކަލަށް ހުށަހެޅެނީ ހަމައެކަނި އޭނާގެ ކެރިއަރު ނޫން ކަމަށާއި އޭނާގެ ފުރާނަ ވެސް ނުރައްކަލަށް ހުށަހެޅޭނެ ކަމަށެވެ.
ކަންގަނާ ބުނީ ފިލްމް އިންޑަސްޓްރީގައި އެންމެ މަޝްހޫރު އެއްޗަކީ ކޮކެއިން ކަމަށާއި ކޮންމެ ހައުސް ޕާޓީއެއްގައި ވެސް އެ ބޭނުން ކުރާ ކަމަށެވެ. އެ ކިތަންމެ އަގު ބޮޑު ވި ނަމަވެސް ބޮޑެތި މީހުންގެ ޕާޓީތަކަށް ފުރަތަމަ ދާއިރު އެ ފްރީކޮށް ދީ އާދަކުރުވާ ކަމަށެވެ. މީގެ އިތުރުން އެމްޑީއެމްއޭ ކްރިސްޓަލްސް ފެނަށް ގިރުވައިގެން ޕާޓީތެރޭގައި މީހުންނަށް ނޭންގި ދޭ ކަމަށްވެސް ކަންގަނާ ބުންޏެވެ.
ކަންގަނާ ބުނާ ގޮތުގައި ސުޝާންތުގެ މަރާލާފައި ވަނީ ސުޝާންތުއަށް ވަރަށް ބޮޑެތި ސިއްރުތަކެއް އެނގޭތީކަމަށް ވަރަށް ސާފުކޮށް އޭނާއަށް ފެންނަ ކަމަށެވެ.