ބޮލީވުޑް އެކްޓަރުންގެ އަނބިންތަކުގެ ތެރެއިން އެންމެ ފޮލޯވަރުން ގިނައީ މި މީހުންގެ

ބޮލީވުޑް އެކްޓަރުންނަށް ފޭނުންގެ ފަރާތުން އޮންނަ ލޯތްބާއި ޝައުގުވެރިކަން ހަމައެކަނި އެމީހުންނާ ހިސާބަކުން ނުނިމެއެވެ. ސަބަބަކީ، މަޝްހޫރު ބައެއް އެކްޓަރުންގެ އަނބިންނަކީ ހަމަ އެހާ ވަރަށް މަޤުބޫލު ބަޔަކަށް ވާތީއެވެ. އެއީ ފިލްމީ ދާއިރާއާ އެއްވެސް ގުޅުމެއް ނެތް މީހަކަށްވިޔަސް، އެކްޓަރެއްގެ އަންހެނުންނަށް ވީތީ، އުޅޭ ނޫޅޭ ގޮތް ބެލުމަށް މީހުންގެ ޝައުގުވެރިކަން އޮވެއެވެ. އެގޮތުން މިފަހަރު މި ކިޔައިދެނީ ބޮލީވުޑްގެ އެކްޓަރުންގެ އަނބިންތަކުގެ ތެރެއިން، އިންސްޓަގްރާމްގައި އެންމެ ގިނަ ފޮލޯވަރުން ތިބޭ މީހުންނެވެ.

1. ޓްވިންކްލް ކަންނާ

މަޝްހޫރު އެކްޓަރު އަކްޝޭ ކުމާރުގެ އަންހެނުން ޓްވިންކްލް ކަންނާއަކީ ވެސް ކުރީގެ ފިލްމީ ތަރިއެކެވެ. 1990 ގައި ވިދައިލި ބަތަލާ އަށް މި ލިސްޓުގެ އެންމެ މަތިން ޖާގަ ލިބެނީ އެހެންވެގެން ކަމަށް ވެދާނެއެވެ. ޓްވިންކްލް، 45، އަށް އިންސްޓަގްރާމްގައި ފޮލޯ ކުރާ މީހުންގެ އަދަދު 5.6 މިލިއަނަށް އަރައެވެ. ޓްވިންކްލް އަކީ ކުރީގެ ތަރިން ކަމަށްވާ ރާޖޭޝް ކަންނާއާއި ޑިމްޕަލް ކަޕާޑިއާގެ ދަރިއެވެ. ޓްވިންކަލް އާއި އަކްޝޭ ކައިވެނި ކޮށްފައިވަނީ 2001 ގައެވެ.

2. ގޯރީ ޚާން

ލިސްޓުގެ ދެވަނަ ލިބެނީ ބޮލީވުޑްގެ ޚާނުންގެ ރަސްގެފާނު ކަމަށްވާ ޝާހްރުކް ޚާންގެ އަންހެނުން ގޯރީ ޚާނަށެވެ. ގޯރީ، 49، އަށް އިންސްޓަގްރާމްގައި 3.2 މިލިއަން މީހުން ފޮލޯ ކުރެއެވެ. އަދި ޙާއްސަކޮށް ދަރިންގެ ފޮޓޯއެއް ހިއްސާކުރާ އިރަށް ވަރަށް އަވަހަށް ވައިރަލް ވެގެންދެއެވެ. ގޯރީ އާއި ޝާހު ކައިވެނިކޮށްފައިވަނީ 1991 ގައެވެ. އެ ކައިވެންޏަށް ތިން ކުދިން ލިބިފައިވެއެވެ. ގޯރީ އަކީ ފިލްމު ޕްރޮޑިއުސަރެކެވެ.

3. މީރާ ރާޖްޕުތު

ބޮލީވުޑްގެ “ޗޮކްލެޓް ބޯއީ” ޝާހިދު ކަޕޫރުގެ އަންހެނުން މީރާ ރާޖްޕުތަކީ ފިލްމީ ދާއިރާއާ އެއްވެސް ގުޅުމެއް އޮންނަ މީހެއް ނޫނެވެ. ނަމަވެސް 25 އަހަރުގެ މީރާ އަށް އިންސްޓަގްރާމްގައި ފޮލޯ ކުރާ މީހުންގެ އަދަދު 2.3 މިލިއަނަށް އަރައެވެ. 2015 ގައި މީރާއާއި ޝާހިދު ކައިވެނިކޮށްފައި ވަނީ އެރޭންޖް މެރިޖެއްގެ ގޮތުގައެވެ.

4. މާންޔާތާ ދަތު

ސަންޖޭ ދަތުގެ އަންހެނުން މާންޔާތާ ދަތަށް ފޮލޯ ކުރާ މީހުންގެ އަދަދުވެސް 2 މިލިއަނަށް އަރައެވެ. މާންޔަތާ އަކީ އޭނާގެ މީސްމީޑިއާ އެކައުންޓުތަކުން އަބަދުހެން ފިރިމީހާއާއި ދަރިންގެ ކަންކަން ހިއްސާކުރާ މީހެކެވެ. މީގެ އިތުރުން މާންޔަތާ އަކީ ކުރީގެ އެކްޓްރެސް އެއް ވެސް މެއެވެ. އޭނާއަށް ފޮލޯކުރާ މީހުންގެ އަދަދު އެހާ ގިނައީ އެހެންވެގެން ކަމަށް ވެދާނެއެވެ.

5. މަހީޕް ސަންދޫ

މަހީޕް ސަންދޫ އަކީ ކުރީގެ މަޤްބޫލު އެކްޓަރު ސަންޖޭ ކަޕޫރުގެ އަންހެނުންނެވެ. މަހީޕަކީ ކުރިން މޮޑެލް ކުރި މީހެކެވެ. އަދި މިހާރު ބޮލީވުޑަށް ނުކުންނަން ތައްޔާރުވަމުން އަންނަ ޝަނާޔާ ކަޕޫރްގެ މަންމައެވެ. އޭނާއަށް ފޮލޯ ކުރާ މީހުންގެ އަދަދު ހަތަރު ލައްކައަށްވުރެ ގިނައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!