ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިއުލާންކުރި ހިޔާ މަޝްރޫއުން ފްލެޓް ލިބުނު ކަމުގެ ލިއުން ލިބިފައިވާ މީހުންގެ ތެރެއިން މި ސަރުކާރުގައި އިއުލާންކުރާ ލިސްޓުގައި ނަން އުނިކޮށްފައިވާ މީހުންނަށް ހިލޭ ގާނޫނީ އެހީތެރިކަން ދޭން އިކުއިޓީ ޗެމްބާސް އިން ނިންމައިފި އެވެ.
އިކުއިޓީ ޗެމްބާޒް އަކީ ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަބްދުﷲ ޝިޔާޒް ވެސް ހިމެނިވަޑައިގަންނަވާ ލޯ ފާމެކެވެ.
އެ ލޯފާމްއިން ކޮށްފައިވާ އިއުލާނެއްގައި ބުނީ ފްލެޓު ލިބުނުކަމުގެ ލިޔުން ކުރީގެ ސަރުކާރުން ދީފައިވާ މީހުންނާއި އޭރު ގެޒެޓްކުރި ލިސްޓުގައި ނަން އޮތް މީހުންގެ ތެރެއިން މިފަހަރުގެ ލިސްޓުން އުނިކޮށްފައިވާ މީހުން “އިންސާފު ހޯދައިދޭން” ހިލޭ ސާބަހަށް މަސައްކަތް ކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ހިޔާ މަޝްރޫއުގެ 12 ކެޓެގަރީއަށް ކުރިމަތިލާފައިވާ އެފަދަ މީހުން އެ ލޯފާމާއި މައުލޫމާތު ހިއްސާ ކުރަން ވަނީ އެދިފައެވެ.
ގާނޫނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކުން [email protected] އަށް އީމެއިލްކޮށް މައުލޫމާތު ހިއްސާކުރުމަށް ވަނީ އެދިފައެވެ.
ހިޔާ މަޝްރޫއަށް ހުށަހަޅާފައިވާ ފޯމުތަކުގެ ތެރެއިން ސޯޝަލް ހައުސިންގއަށް ޝަރުތުހަމަވާ ފަރާތްތަކަކީ، 50 ޕަސެންޓް މާކްސް ނުވަތަ އެއަށްވުރެ މަތިން ޕޮއިންޓް ލިބޭ ފަރާތްތައްކަމަށް ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީއިން މި ފަހުން ވަނީ ނިންމައިފައެވެ.